އިސްތިއުފާ ދެއްވަމުން ފައްޔާޒް ކިޔައިދެއްވީ ޕާޓީ ރޫޅުނަނުދޭން ކުރެއްވި މަސައްކަތް
އެމްޑީޕީ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނެވިއިރު، ޕާޓީ ރޫޅުނަ ނުދީ ހިފެހެއްޓުމަށް ކުރެއްވި މަސައްކަތް ޗެއާޕާސަން ކަމުން ރޭ އިސްތިއުފާ ދެއްވި ފައްޔާޒް އިސްމާއިލް ކިޔައިދެއްވައިފިއެވެ.
ފައްޔާޒްގެ އިސްތިއުފާ ސިޓީގައި ފާހަގަކުރެއްވި ގޮތުގައި ޕާޓީތެރޭގައި ހިޔާލުތަފާތުވުންތައް އުފެދި ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރުމަށާއި އަސާސީ ގަވާއިދަށް ގެނައުމަށް އޮގަސްޓް 2022ގައި ކޮންގްރެސް ބާއްވައި ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އެ ކޮންގްރެސްގައި "ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު ހުރި ހިޔާލު ތަފާތުވުންތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ" ކަމަށާއި ކޮންގްރެސް ނިމިގެން ދިޔައީ ކަންކަން ހައްލު ކުރާނެ ކަމުގެ ނިޔަތާއެކުގައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ނަމަވެސް, ޖެނުއަރީ 2023ގައި ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ އެންމެ މަގުބޫލު ދެ ބޭފުޅުން ކަމުގައިވާ، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާނެ ކަމަށް ބެލެވުމާއެކު ހިތާމަ ކުރަން ޖެހޭ ކަމެއް މެދުވެރިދާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުމުން އެކަމަށް ވެސް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
ޕާޓީ އާއި މުޅި ގައުމުގެ ކުރިމަގަށް ވެސް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަ ކުރެވުނީތީ އެކަން ހައްލު ކުރުމަށް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ފަސް ފަހަރެއްގެ މަތިން ނަޝީދުގެ ޓީމާ އެކު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައްދަލު ކުރެއްވި ކަމަށް ވިދާޅުވިއެވެ. އެ ބައްދަލުވުންތަކުގައި ވާހަކަ ދެކެވުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ނަޝީދު ވާދަ ނުކުރެއްވުމަށާއި ރިޔާސީ އިންތިހާބުގެ ކުރިއަށް ނިޒާމީ ވޯޓެއް ނެގުމަށާއި އަދި އެ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށެވެ.
އެހެންނަމަވެސް އެ މަޝްވަރާތައް ހުއްޓުނީ ދެ ފަރާތަށް އެއްބަސްވެވޭ ގޮތަށް ކަންކަން ނުނިމި ކަމަށް އޭނާ އެއްބަސްވެލެއްވިއެވެ.
އޭގެ ފަހުން އެމްޑީޕީން 2023 ވަނަ އަހަރު ބޭއްވި ޕްރައިމަރީގައި ހިނގައިދިޔަ ކަންކަމާއެކު އެތައް އަހަރެއް ވަންދެން އެކުގައި އިސްލާހަށް ކުރި މަސައްކަތް އެކޮޅުކޮޅުން ޖެހި, އެކުވެރި ރަހުމަތްތެރިން މޫނު ކެެނޑިފައި ކަމަށް ފައްޔާޒްގެ ސިޓީގައި ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވިގޮތުގައި އޭގެ ނަތީޖާއެއްގެ ގޮތުން ޕާޓީ ބައިބައިވެ, ރިޔާސީ އިންތިހާބު ޕާޓީއަށް ގެއްލިގެން ދިޔައީ. އޭގެ ފަހުން މަޖިލިސް އިންތިހާބު ކާމިޔާބުކުރުމަށް ޑިމޮކްރެޓްސް އާއެކު ކޯލިޝަން ހަދައިގެން ކުރިއަށް ދާން މަސައްކަތް ކުރިނަމަވެސް ޕާޓީގެ އިސްބޭފުޅުން އެ ގޮތަށް ބޭނުންނުވެ, މަޖިލިސް އިންތިހާބުވެސް ޕާޓީއަށް ގެއްލިގެން ދިޔައީ އެވެ. މި ރާއްޖެ ތަހަމައްލު ކުރަމުންދާ ކަންކަމުގެ އެންމެ ބޮޑު ސަބަބަކީ މަޖިލިސް އިންތިހާބު ބޮޑުތަނުން ނާކާމިޔާބުވުން ކަމުގައި އޭނާ ވިދާޅުވިއެވެ.
"ރައީސް މުއިއްްޒު ހިންގަމުންދާ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ވޭތުވެ ދިޔަ ދެ އަހަރު ގިނަ މަސައްކަތްތަކެއް މި ޕާޓީއަށް ކުރެވިފައިވީ ނަމަވެސް އެތެރޭގެ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން މި ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިގެންދާ މަންޒަރު އަޅުގަނޑަށް ފެނެ އެވެ. އަދި ޕާޓީގެ މަސައްކަތްތަކަށް އޭގެ ސަބަބުން ހިޔަނި އެޅެ އެވެ." ފައްޔާޒްގެ އިސްތިއުފާގެ ސިޓީގައިވެއެވެ.
ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިހާބަށް އެކުގައި މަސައްކަތް ކޮށްގެން ކާމިޔާބު ހޯދައި މި މިސްރާބަށް ދަތުރުކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އިސްތިއުފާ ދެއްވަމުން ވެސް ފައްޔާޒް ވިދާޅުވެފައެވެ.






ރިއެކްޓް