ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް ފަނޑިޔާރު ފައިސަލް އިސްތިއުފާ ދެއްވައިފި
އެކި ތުހުމަތުތަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މައްސަލަތަކެއް ބަލަމުންދަނިކޮށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން، ފަނޑިޔާރު އަލްއުސްތާޒު މުހައްމަދު ފައިސަލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ފަނޑިޔާރު ފައިސަލް އިސްތިއުފާ ދެއްވިކަން ހައިކޯޓުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުން ވަނީ އިއުލާނުކޮށްފަ އެވެ.
އެގޮތުން، ހައިކޯޓުން ދާދި ދެންމެއަކު ކުރި ޕޯސްޓެއްގައި ވަނީ ފައިސަލް ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ.
ފަނޑިޔާރު ފައިސަލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ ޖުލައި 24، 2018 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
އޭނާ އިސްތިއުފާ ދެއްވިއިރު، ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އޭނާގެ ނަން ގެންނަން ޖޭއެސްސީން އޮތީ އޭޕްރީލް 17، 2025 ގައި ފާސްކޮށްފަ އެވެ. އެ ނިންމުމަށްފަހު އެ ކޯޓު ވަގުތީ ގޮތުން ހިންގުމުގެ ޒިންމާ ވެސް އަދާކުރައްވަމުން ގެންދެވީ ފައިސަލް އެވެ. ނަމަވެސް އެ ނިންމުމަށް އެތައް މަހެއްވީއިރު ވެސް ރަސްމީކޮށް މަގާމު ހަވާލުކޮށްފައެއް ނުވެ އެވެ. އަދި އެކަން ކުއްލިއަކަށް ބަދަލުވެ، ހައިކޯޓު ވަގުތީ ގޮތުން ހިންގުން ނޮވެންބަރު 19، 2025 ވަނީ އެ ކޯޓަށް އެންމެ ފަހުން އައްޔަންކުރި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކޮށްފަ އެވެ. އެއީ ހައިކޯޓު ހިންގުމާ ހަވާލުވެ ހުންނެވުމަށް ފަހު އެ މަގާމުން ވެސް ފައިސަލް މިދިޔަ ހަފުތާގެ ތެރޭގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފަނޑިޔާރު ފައިސަލް މިއަދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމަކީ، ޝަރުއީ ދާއިރާގައި މިހާރު ދެކެވޭ އެންމެ ބޮޑު އެއް ވާހަކަ އެވެ. ޖޭއެސްސީން އޭނާއާ ގުޅޭ މައްސަލަތައް ބަލަމުންދާ ކަމަށް ވާއިރު، އިސްތިއުފާ ދެއްވުމަށްފަހު އެ މައްސަލަތަކަށް އަންނާނެ ބަދަލުތަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.






ރިއެކްޓް