އެމްއެންޑީއެފުން ކުރިއަށްގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެކްސަސައިޒް "ޖައްރާފާ" ގެ މި އަހަރުގެ ތަމްރީނުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި އެކްސަސައިޒަކީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަމަލުކުރަމުންދާ ފަޔަރ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން 2013ވަނަ އަހަރުން ފެށިގެން ބާއްވަމުންގެންދާ އެކްސަސައިޒެކެވެ.
މި އެކްސަސައިޒް ކުރިއަށްގެންދިޔުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ، ފަޔަރ ފައިޓަރުން ހަރަކާތްތެރިވާ އިރު، އެމީހުންނަށް ލިބިފައިވާ ޢިލްމާއި ހުނަރާއި ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން، ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭނާއި، ސްޓޭންޑަޑް އޮޕަރޭޝަން ޕްލޭތަކާއި، އިންސިޑެންޓް ކޮމާންޑް ސިސްޓަމް އަދި އިންޓަރ-އެޖެންސީ ކޯޑިނޭޝަން އެންމެ ރަނގަޅަށް ކުރިއަށްގެންދެވޭތޯ ބެލުންވެސް މި އެކްސަސައިޒްގެ މުހިންމު ބައެކެވެ.
މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސްވެރިންނާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަންގެ އިތުރުން، މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އިމަޖެންސީ ރެސްޕޯންސް ޓީމުތަކުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނޮވެންބަރު 23އިން 24އަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި އެކްސަސައިޒުގައި، ފަޔަރ ފައިޓަރުންނަށް ލިބިފައިވާ ޢިލްމާއި ހުނަރު އަދި ލިބިފައިވާ ވަސީލަތްތައް އަމަލީ މައިދާނުގައި އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާއި، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ހުނަރުވެރިކަމާ އެކު ހައްލުކުރާނެ ގޮތްތައް ފަރިތަކުރުމަށް މަސައްކަތްކުރާނެއެވެ. އަދި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސް ކުރެވޭނެ ގޮތްތައް ދެނެގަތުމަށްވެސް މި ތަމްރީނުތަކުގައި އިސްކަންދޭނެއެވެ.
ތަމްރީނުތައް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މާލެއާއި، ހުޅުމާލޭގެ އިތުރުން، ވިލިމާލެއާއި، ތިލަފުށީގައި އަދި މާލެކައިރީގެ ކަނޑުގެ ސަރަހައްދުގައެވެ. މި ތަމްރީނުތަކުގައި، ހައިރައިޒް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި، ރެސްކިޔު އޮޕަރޭޝަންތަކާއި، ހެޒްމެޓް އޮޕަރޭޝަންގެ އިތުރުން ރޯޑް އެކްސިޑެންޓްތަކުގައި ބޭނުންކުރާ އިމަޖެންސީ ޕްރޮސީޖަރސް ފަރިތަކުރާނެއެވެ. އެކްސަސައިޒް ކުރިއަށްދާ ވަގުތު، މާލޭގެ މަގުތަކުގައާއި، މާލޭ ސަރަހައްދުގައި ފަޔަރ ވެހިކަލް، ސައިރަން އެޅުމާ އެކު ހަރަކާތްތެރިވާނެކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.






ރިއެކްޓް