ސަރުކާރު ފާހެއްނުވި، ޔާމީން ދިނީ 100 އަކުން 20
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރަށް ލިބެން އޮތީ 100 އަކުން 20 މާކްސް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީންގެ ވާގިވެރިވުމާއެކު ގެނައި ސަރުކާރަށް ދެ އަހަރު ފުރުނުއިރު، ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ޔާމީން ވަނީ ސަރުކާރާ ފެއަށް ޖެހިވަޑައިގެންފަ އެވެ.
ސަރުކާރުން ވަކިވެ ޔާމީން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓްއިން ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ސަރުކާރެއްގެ މަސައްކަތް ވަޒަން ކުރަނީ ތެދުވެރިކަމާއި ނަޒާހަތްތެރިކަން، އިޖާބަދިނުން، އެކައުންޓެބިލިޓީއަދި ޓްރާންސްޕޭރެންސީއާއި އެފިޝެންސީ ނުވަތަ މަސައްކަތަށް ހޭދަކުރާ ހަކަތައާއި ނަތީޖާއިން ކަމަށެވެ.
އެ ހުރިހާ ކަމަކަށް ބަލާއިރު މި ސަރުކާރުގެ ފުރަތަމަ ދެ އަހަރަށް ދޭން އޮތީ 100 އަކުން 20 ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ އިންޓެގްރިޓީއަށް 60 އިން 10 މާކްސްއާއި ރެސްޕޮންސިވްނެސް އަށް 10 އަކުން ފަސް މާކްއާއި ޓްރާންސްޕޭރެންސީއަށް 10 އަކުން ލިބުނު ދެ މާކްސްގެ އިތުރުން އެފިޝެންސީއަށް 10 އަކުން ލިބުނު 3 މާކްސް ކަމަށް ޔާމީން ވިދާޅުވިއެވެ. މި ސަރުކާރުގެ އެކައުންޓެބިލިޓީއަށް ޔާމީން ދެއްވާފައިވަނީ 10 އަކުން ސުމެކެވެ.
"ބިގް ޓައިމް ފެއިލިއާއެއް އިނގޭތޯ. އަޅުގަނޑުމެން ބޭނުން މި ކުރަނީ ސައިންޓިފިކް މެތަޑޮލޮޖީ. އޭގައި ސުވާލކެއް ނުއުފެއްދޭނެ," ޔާމީން ވިދާޅުވިއެވެ.
މި ހިސާބު ގޯސްނަމަ ސަރުކާރުން އެކަމަށް ޗެލެންޖު ކުރަން ޔާމީން އެދިވަޑައިގެންނެވިއެވެ.






ރިއެކްޓް