މޭޔަރު އާޒިމް، "މޭޔަރު މުއިއްޒު"ގެ ވައްކަން ފޮރުވާކަމުގެ ތުހުމަތު!
މާލޭ މޭޔަރު ކަމުގައި މިހާރު ހުންނެވި އެމްޑީޕީގެ އާދަމް އާޒިމް އުޅުއްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު ކޮށްފައިވާ ވައްކަންތައް ފޮރުވުމަށް ކަމަށް މޭޔަރު ކަމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ އަލީ އާޒިމް ތުހުމަތު ކުރައްވައިފިއެވެ.
އެމްޑީޕީގެ މާލޭ މޭޔަރުގެ ޓިކެޓަށް ވާދަކުރައްވަނީ ދެ އާޒިމެވެ. ދެ ބޭފުޅުންގެ މެދުގައި ވާދަވެރިކަން ބޮޑުއިރު، އަލީ އާޒިމްގެ ކެމްޕެއިނު ލޯންޗު ކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި އޭނާ ވަނީ އާދަމް އާޒިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އާޒިމް ތުހުމަތު ކުރެއްވި ގޮތުގައި މުއިއްޒު މާލޭ މޭޔަރަކަށް ހުންނެވިއިރު, ކައުންސިލް ތެރޭގައި އިންތިހާއަށް ކޮރަޕްޝަން ހިންގާފައިވެއެވެ. އެގޮތުން ޱމާލޭގެ ބިންތައް ހިތުހުރި އަގަކަށް ހިތުހުރި ބަޔަކަށް ދިނުމާއި ފައިސާ ދޫކުރުމަށްފަހު، އެތައް ޕްރޮޖެކްޓްތައްވެސް ނުހިންގާ އެބަހުރި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އާޒިމް ގަބޫލުކުރައްވާ ގޮތުގައި ސިޓީ ކައުންސިލްގެ ގިނަ ލިޔެކިޔުންތަކެއް ހުރި ހައުސިން މިނިސްޓްރީގެ އިމާރާތް މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު އަނދާ ހުލި ވުމަކީ އިއްތިފާގަކުން ދިމާވި ކަމެއް ނޫނެވެ. އަދި އެއީ ވައްކަން ފޮރުވުމުގެ ނިޔަތުގައި ބަޔަކު ކުރި ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މެދު ހެންވެއިރު ދާއިރާގެ ގޮނޑި ދެ ދައުރު ފުރިހަމަ ކުރައްވާފައިވާ އަލީ އާޒިމް ވިދާޅުވި ގޮތުގައި އެންމެ ބޮޑު ހިތާމައަކީ މި ވައްކަން ބަލަން އެމްޑީޕީގެ މޭޔަރަށް ފުރުސަތު ލިބި އެކަން ނުކުރުމެވެ.
މުއިއްޒުގެ ވައްކަންތައް ފޮރުވުމަށް އާދަމް އާޒިމް ވާގިވެރިވަމުންދާކަމަށް ތުހުމަތުކުރައްވައި އަލީ އާޒިމް ވަނީ އޭނާގެ ކިބައިގައި އެމްޑީޕީގެ އަސާސްތައް ނެތް ކަމަށް ވިދާޅުވެފައެވެ.
"އަމިއްލަ މަސްލަހަތަށް ވުރެ، ވިޔަފާރީގެ މަސްލަހަތަށްވުރެ، މި ޕާޓީގެ އަސާސްތަކާއި މި ޕާޓީގެ އުސޫލުތަކާއި މި ޕާޓީގެ ހަމަތައް ކުރިއަށް ގެންދިޔުމަކީ މި ޕާޓީ ދެކެ އަނެއްކާ ވެސް ރައްޔިތުން ލޯބިވާނެ ކަންކަން," އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާ މޭޔަރު ކަމަށް ވާދަކުރައްވަނީ އެ މައްސަލަތައް ބަލަން ކަމުގަ އެވެ.






ރިއެކްޓް