ޚަބަރު

ހައިކޯޓު އިސް ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާ ދެއްވައިފި

19 ނޮވެންބަރު 2025 - 19:35
ހައިކޯޓު އިސް ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާ ދެއްވައިފި

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ފައިސަލު ިއސްތިއުފާ ދެއްވުމުން އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ ނިންމާފައެވެ. ފަނޑިޔާރު ފައިސަލް އިސްތިއުފާ ދެއްވީ، ރަސްމީކޮށް އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ކަމަށް ވެއެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އެންމެ ފަހުން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ފަހު، އެ ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އައްޔަން ކުރަން ޖޭއެސްސީން މިދިޔަ އޭޕްރީލް މަހު އޮތީ ނިންމައިފަ އެވެ. ނަމަވެސް، މިހާތަނަށް ފަނޑިޔާރު ފައިސަލް އިސް ފަނޑިޔާރުގެ މަގާމަށް ރަސްމީކޮށް އައްޔަން ކުރައްވާފައެއް ނުވެ އެވެ. އެހެން ނަމަވެސް، ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވީ ފައިސަލެވެ. މިއަދު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ފަނޑިޔާރު ފައިސަލްގެ މި ނިންމުމާ އެކު ހައި ކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު ޖަމީލްއާ ހަވާލުކުރަން މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއަކީ ކުރިން ސިވިލް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ އޮގަސްޓް މަހު އެވެ.

ފަނޑިޔާރު ޖަމީލްއާ ހައި ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކުރި ނަމަވެސް، ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމާ މެދު ޖޭއެސްސީން އަދިވެސް ވަކި ގޮތެއް ނުނިންމަ އެވެ. އެހެންކަމުން، އެ މަގާމަށް ދާއިމީކޮށް ބޭފުޅަކު އައްޔަން ކުރައްވަންދެން ހައިކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު ޖަމީލް މޫސާއާ ހަވާލުވެފައިވާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0