އަންނަ އަހަރަށް ހުށަހެޅި ބަޖެޓު ކޮމިޓީން ފާސްކޮށްފި
އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓު، މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން މިއަދު ފާސްކޮށްފައެވެ.
މި ބަޖެޓަކީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރި ބަޖެޓެކެވެ. ބަޖެޓު ކޮމިޓީގެ މެންބަރުންގެ ތެރެއިން 10 މެންބަރުންގެ ވޯޓުން މި ބަޖެޓު ފާސްކުރިއިރު، ހަތަރު މެންބަރަކު ވަނީ އެކަމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
ބަޖެޓު ފާސްކުރުމަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. މިއަދު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި، ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރަން އެދި ހުށަހެޅުއްވުމުން، އެގޮތަށް ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް އެކަމާ ދެކޮޅަށް ހަތަރު މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
ބަޖެޓް ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވީ، ކޮމިޓީ މަރުހަލާގައި ބައެއް އިދާރާތަކުގެ ބަޖެޓު އިތުރު ކުރުމަށް އެދުނު ނަމަވެސް، އެގޮތަށް ބަދަލު ގެނެވެން ނެތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. މީގެ ސަބަބުން، ކޮމިޓީގައި ބަޖެޓަށް ބަދަލު ގެނައުމުގެ ފުރުސަތު ވަނީ ކުޑަވެފައެވެ.
މި ބަޖެޓާ ގުޅިގެން ކޮމިޓީގައި ބަހުސް ކުރިއިރު، އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ މަސްވެރިކަމުގެ ސަބްސިޑީއަށް ކަނޑައަޅާފައިވާ އަދަދު ދަށްވެފައިވާ ކަމަށް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މި އަހަރު މަސްވެރިންނަށް ދޭ ސަބްސިޑީ 341 މިލިއަން ރުފިޔާގައި ހުރި ނަމަވެސް، އަންނަ އަހަރަށް އެ އަދަދު 280 މިލިއަން ރުފިޔާއަށް ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން، ކަޅުބިލަ މަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ހާއްސަކޮށް 120 މިލިއަން ރުފިޔާ އިތުރު ކުރުމަށާއި، އަދި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް 165 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމެނުމަށް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.
މި ބަޖެޓު މިހާރު ކޮމިޓީ މަރުހަލާ ފަހަނައަޅާފައިވާއިރު، ވީއެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް ހުށަހަޅައި، ފާސްކުރުމަށް ނިންމާނެއެވެ.






ރިއެކްޓް