ކުޅިވަރު

ފިލިޕީންސް އަތުންވެސް ރާއްޖެ ބަލިވެއްޖެ

18 ނޮވެންބަރު 2025 - 23:07
ފިލިޕީންސް އަތުންވެސް ރާއްޖެ ބަލިވެއްޖެ
ފޮޓޯ: އޭއެފްސީ

އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ހަވީރު ފިލިޕީންސާ ވާދަކޮށް 2-0 އިން ދިވެހިރާއްޖެ ބަލިވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފިލިޕީންސްގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 24 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖެހީ ޖެފަސަން ޓަބީނާސް އެވެ. އަދި 37 ވަނަ މިނިޓުގައި ފިލިޕީންސްގެ ދެވަނަ ލަނޑު ޖެހީ ސެންޑްރޯ ރެޔެސް އެވެ. މިމެޗުގެ ކުރިން ވެސް ރާއްޖެއަށް އޮތީ އޭޝިއަން ކަޕަށް ކޮލިފައި ވުމުގެ ފުރުސަތު ގެއްލިފަ އެވެ. މިހާތަނަށް ކުޅުނު ކޮލިފައިން ގުރޫޕްގެ ފަސް މެޗުން ވެސް ބަލިވެ، ރާއްޖެ އޮތީ ގުރޫޕްގެ ފުލުގަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ރާއްޖޭގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއިރު، ޑިފެންސުން ވަނީ ފިލިޕީންސްގެ ގިނަ އެޓޭކްތަކެއް ވެސް ހުއްޓުވައިފަ އެވެ. ނަމަވެސް ނަތީޖާއަށް އިތުރު ބަދަލެއް ގެނެވޭގޮތެއް ނުވި އެވެ.

ދިވެހި ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ މި ހާފުގައި ބުރު ސްޕޯޓްސް ކްލަބްގެ ޒުވާން ޑިފެންޑަރު ތޯއިފް ގާސިމް އާއި ކްލަބް ވެލެންސިއާގެ ޒުވާން ކެޕްޓަން އީތަން އިބްރާހިމް ޒަކީ ކުޅެން ނެރެފަ އެވެ. މިއީ ދެ ކުޅުންތެރިން ވެސް ސީނިއާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ ފަހަރެވެ.

ކޮލިފައިންގައި ރާއްޖެއަށް ދެން އޮތީ އަންނަ އަހަރުގެ މާޗު މަހު ގަލޮޅު ދަނޑުގައި ޓިމޯ-ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗެވެ. ޓޮމީ ލެސްޓޭ އަށް ވެސް މިހާތަނަށް މި ގުރޫޕްގައި ލިބިފައި ވަނީ ރާއްޖެ ބަލިކޮށްގެން ހޯދި ތިން ޕޮއިންޓެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0