ހޭންޑްބޯޅަ އަންހެން ޓީމު ފުރަތަމަ މެޗުން ބަލިވެއްޖެ
ސަޢުދީ ޢަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ހޭންޑްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ގިނީ އަތުން 52-16 އިން ބަލިވެއްޖެ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެންމެ ފުރަތަމަ ރާއްޖެއިން ލީޑުނެގި ނަމަވެސް ގިނީ އިން ފަހަތުން އަރާ ތިން ގޯލުގެ ލީޑްއެއް ނެގި އެވެ. ކައުންޓަރ އެޓޭކުތަކުގައި ގިނީގެ ކުޅުންތެރިންގެ ފަރާތުން އަވަސްކުޅުމެއް ފެނިގެންދިޔަ އެވެ. ރާއްޖޭގެ ގޯލު ބަލަހައްޓަމުންދިޔަ ޝަހުދާ މުހައްމަދުވަނީ ގިނީގެ ގިނަ ހަމަލާތަކެއް ދިފާޢުކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ކުޅުންތެރިން ގޯލު ޖެހުމަށް އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ ގިނީގެ ކުޅުންތެރިން ފިޒިކަލް ކުޅުމެވެ. ހާފް ނިމެން ކައިރިވެފައިވަނީކޮށް ރާއްޖޭގެ ޔަޝްފާ އާދަމްގެ ބޮލަށް ލިބުނު އަނިޔާއަކާއި ގުޅިގެންވަނީ ބަދަލުކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖެއިން ކުޅުން ރަގަނޅުކޮށް ގޯލު ޖެހުމަށް ގިނަ މަސައްކަތްތަކެއްކޮށް ހާފް ނިންމާލާފައިވަނީ 30 - 5 އިންނެވެ.
ދެވަނަ ހާފުގައި ނަތީޖާގެ ތަފާތު ހަނިކުރުމަށް އެސިސްޓަންޓް ކޯޗް ނައްފަ ދިޔައީ ބަދަލަތަކެއް ގެނެސް ކުޅުން ވަރަށް ބޮޑަށް ރަގަނޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ހާފުގެ ކުރީކޮޅު ގިނީގެ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެންދިޔަ އެވެ. އަދި މި ހާފުގައި ރާއްޖޭގެ ކުޅުމަށް ގެނަގައި ބަދަލުތަކާއި އެކު، ރާއްޖޭގެ ޓީމުގެ ކުޅުން އަވަސްކޮށް ގިނީގެ ގޯލްއަށް ނުރައްކާކުރި ނަމަވެސް ގިނީއިން ޑިފެންސްކޮށްގެން ކުޅުމުގެ ސަބަބުން ނަތީޖާގެ ފަރަގު ކުޑަކުރަން އުނދަގޫވި އެވެ. ގިނީ އިން މެޗު ނިންމާލީ 52-16 ގޯލުން ކުރީގައި އޮވެގެންނެވެ.
މިމުބާރާތުގައި މިއަދު މެންދުރު ރާއްޖެ ގަޑިން 2 ޖަހާއިރު ހޭންޑްބޯޅަ ފިރިހެން ޓީމު އެކުވެރި އަރަބި އިމާރާތާއި ދެކޮޅަށް ނިކުންނާނެ އެވެ. އަންހެން ޓީމުގެ މެޗެއް ދެން އޮންނާނީ މާދަމާ އެވެ.






ރިއެކްޓް