އަންހެން ޑަބަލްސް އިވެންޓުން ދީމާ އާއި ރަފާއަށް ބްރޯންޒް މެޑަލް
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓީޓީ އަންހެން ޑަބަލްސް އިވެންޓުގެ ބްރޯންޒް މެޑަލް ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި ރަފާ ނާޒިމް ހޯދައިފި އެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި ރަފާ އަދި ދިމާ ބަލިވެފައިވަނީ ތުރުކީގެ ޕެއަރ އެޗޭ ހަރާކް އަދި އޮޒްގީ ޔިލްމާޒްއާއި ވާދަކޮށް 3 ސެޓް 1 ސެޓުންނެވެ. މިމެޗުން ރާއްޖެ ބަލިވި ނަމަވެސް ދިމާ އަދި ރާފާއަށް ވަނީ ބްރޯންޒް އެއް ލިބިފައެވެ.
މެޗުގެ ފުރަތަމަ ސެޓު ފެށިގެން ލީޑުގައި އޮވެގެން ކުޅެމުންދިޔައީ ތުރުކީގެ ޕެއާ އެވެ. ނަމަވެސް 2 ޕޮއިންޓަށް ވުރެ ބޮޑަށް ލީޑު ފުޅާކުރުމަށް ތުރުކީގެ ޕެއާއިން ކުރަމުންދިޔަ މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ވާދަވެރި ކުޅުމަކަށްފަހު ތުރުކީގެ ޗެމްޕިއަން މެޗުގެ ފުރަތަމަ ސެޓު 11-7 އިން ކާމިޔާބުކުރިއެވެ.
މެޗުގެ ދެވަނަ ސެޓުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުންވެސް ވަރަށް އެއްވަރު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ތުރުކީގެ ޕެއާއިން ދެވަނަ ސެޓު ކާމިޔާބުކުރީ ސެޓު އެއްކޮށް ލީޑުކޮށް 11-5 އިންނެވެ.
މެޗުގެ ތިންވަނަ ސެޓްގައި އެންމެ ފުރަތަމަ ލީޑް ނެގީ ރާއްޖޭގެ ރަފާ އަދި ދިމާގެ ޕެއާއިންނެވެ. ފޯރިގަދަ ކުޅުމަކަށްފަހު ތިންވަނަ ސެޓު ރަފާ އަދި ދިމާ ކާމިޔާބުކުރީ 11-7 އިންނެވެ.
މެޗުގައި ކުރިއަށްދިއުމަށް ރާއްޖެއަށް މެޗުގެ ހަތަރު ވަނަ ސެޓުގެ މުހިންމުކަން ބޮޑުވި ނަމަވެސް ފަހަތުން އަރާ ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް ތުރުކީގެ ޕެއާއިން މެޗު ނިންމާލިއެވެ. މިއާއެކު ރާއްޖޭގެ ޓީޓީ ޓީމްއަށްވަނީ މުބާރާތް ނިމިފައެވެ.
އެންމެ ފަހުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ވަނީ ޓީމު އިވެންޓުގައި ބްރޯންޒް މެޑަލް ހޯދާފަ އެވެ.






ރިއެކްޓް