ޓީޓީ އަންހެން ޑަބަލްސް ސެމީ އަށް، ފިރިހެން ކުއާޓާ އަށް
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓުންގެ ކުއަޓަރ ފައިނަލްގައި ފަހަތުން އަރާ ތިން ސެޓް ހޯދައިގެން ރާއްޖޭގެ ރަފާ އަދި ދިމާ ސެމީ ފައިނަލުން ޖާގަ ހޯދައި، ފިރިހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ މުންސިފް އަދި ޝައްފާންގެ ކުއަޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުންސިފް އަދި ޝައްފާން ކުއަޓަރ ފައިނަލުން ޖާގަ ހޯދާފައިވަނީ 3 ސެޓު 1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އިޖިޕްޓްގެ ޔޮސްރާ އަދި ފަތީ އަތުން ރާއްޖޭގެ ރަފާ އަދި ދިމާ މެޗް ކާމިޔާބުކޮށްފައިވަނީ 3 ސެޓް 1 ސެޓުންނެވެ.
ސަޢުދީ ޢަރަބިއްޔާގެ ރިޔާޛުގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޑަބަލްސް މެޗްތަށް ކުރިއަށްދަނީ ބެސްޓް އޮފް ފައިވްއަށެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭޣެ ރަފާ އަދި ދިމާއަށް މާރަގަނޅު ކުޅުމެއް ދެއްކޭގޮތްވަނީ ނުވެފައެވެ. އަދި ގޭމްގެ ތެރެއަށް ވަނުމަށްވެސް އިޖިޕްޓްގެ ކުޅުންތެރިން އެއްވެސް ފުރުސަތެއް ދީފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ސެޓް އިޖިޕްޓްގެ ޕެއަރ ގެންދިޔައީ ވަރަށް ފަސޭހަކަމާއެކު 11-3 އިންނެވެ.
މިމެޗުގެ ދެވަނަ ސެޓްގައިވެސް އިޖިޕްޓްގެ ޗެންޕިއަން ޕެއަރގެ ފަރާތުން މޮޅު ކުޅެއް ފެނިގެންދިޔައެވެ. އަދި އެދެ ކުޅުންތެރިންގެ ތަޖްރިބާ ބޭނުން ކުރާތަންވެސް ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. ސެޓް ފެށިގެން ލީޑްގައި އޮވެގެން އިޖިޕްޓްގެ ޕެއަރއިން ކުޅުނު ނަމަވެސް، ރާއްޖޭގެޕެއަރ ރަފާ އަދި ދީމާ ހިއްވަރު ދޫކޮށް ނުލާ ކުޅުމުގެ ނަތީޖާއަކަށްވީ، ސެޓުގެ ނަތީޖާ 7-7އަށް އެއްވަރު ކުރުމެވެ. އަދި އިޖިޕްޓުގެ ޕެއަރއަށް ހެދުނު ގޯސްތަކުގެ ފައިދާނަގާ، ރާއްޖެގެ ރަފާ އަދި ދިމާވަނީ މެޗްގެ ދެވަނަ ސެޓް 11-9 އިން ކާމިޔާބުކޮށްފައެވެ.
މެޗުގެ ތިންވަނަ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އިޖިޕްޓެގެ ޗެންޕިއަން ޕެއަރއާއި ދެކޮޅަށް ރާއްޖޭގެ ރާފާ އަދި ދިމާ ދިޔައީ ރަގަނޅު ކުޅުމެއް ދައްކަމުންނެވެ. އެއްވެސް ޕެއަރއަކަށް މާ ބޮޑު ލީޑްއެއް ނެގޭ ގޮތެއް ނުވިއެވެ. ނަމަވެސް ސެޓްގެ ފަހުކޮޅަށް ދިޔައިރު ރާއްޖެގެ ރަފާ އަދި ދިމާ ކުޅެމުންދިޔައީ 2 ޕޮއިންޓްގެ ލިޑްއެއްގައި އޮވެގެންނެވެ. ނަމަވެސް ކުޅުން ރަގަނޅުކޮށް އިޖިޕްޓްގެ ޕެއަރއިން ނަތީޖާ އެއްވަރު ކުރިއެވެ. އެއީ 10-10 އިންނެވެ. ނަމަވެސް ރާއްޖޭގެ ރަފާ އަދި ދިމާގެ މޮޅު ކުޅުމާއެކު މެޗުގެ ތިންވަނަ ސެޓް ހޯދިއެވެ. އެއީ 13-11 އިންނެވެ.
މެޗްގެ ހަތަރުވަނަ ސެޓްވެސް ދިޔައީ ވަރަށް އެއްވަރުކޮށެވެ. ހާއްސަކޮށް ދެ ސެޓް ގެއްލިފައި އޮތުމުން އިޖިޕްޓްގެ ކުޅުންތެރި ދިޔައީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށް ކުޅެމުންނެވެ. ނަމަވެސް ރާއްޖޭގެ ރަފާ އަދި ދިމާ އެންމެ ތަންކޮޅެއްވެސް ދުލެއް ދިނުމެއްނެތި އިދިކޮޅު ޕެއަރއަށް ލީޑް ލިބުނަނުދީ ހިފަހައްޓަމުން ގެންދިޔައެވެ. މިއާއެކު ސެޓް ދެބައިވީއިރު ރަފާ އަދި ދިމާއިންވަނީ 2 ޕޮއިންޓްގެ ލީޑްއެއް ނަގާފައެވެ. އެއީ 7-5 އިންނެވެ. ރަފާ އަދި ދިމާގެ މޮޅު ކުޅުމާއެކު އިޖިޕްޓްގެ ޕެއަރއަށް އެއްވެސް ފުރުސަތެއް ނުދީ ސެޓް ކާމިޔާބުކުރިއެވެ. މެޗްގެ ހަތަރުވަނަ ސެޓް ދިމާ އަދި ރަފާ ކާމިޔާބުކުރީ ފަސޭހަކަމާއެކު 11-5 އިންނެވެ.
ފިރިހެން ޑަބަލްސް މެޗުގައި ރާއްޖޭގެ މޫސާ މުންސިފް އަހުމަދު އަދި މުހައްމަދު ޝައްފާން އިސްމާޢީލް ވާދަކޮށްފައިވަނީ އަޒަރުބައިޖާންގެ ހަސަނޯވް ހިލާލް އަދި ގުލްޒާދު އުނުރު އާއެވެ. މިމެޗުތަށް ކުރިއަށްދަނީ ބެސްޓް އޮފް ފައިވްއަށެވެ.
މެޗުގެ ފުރަތަމަ ސެޓުން ފެށިގެން ރާއްޖެއިން ރަގަނޅު ކުޅުމެއް ދެއްކިނަމަވެސް އަޒަރުބައިޖާންއިން ކުޅުން ރަގަނޅުކޮށް މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރިތަނެވެ. އެއީ 11-9 އިންނެވެ. މިސެޓުގައި ރާއްޖޭގެ މުންސިފް އަދި ޝައްފާންވަނީ އަޒަރުބައިޖާންގެ ކުޅުންތެރިންނާއި ދެކޮޅަށް ތަފާތު ކުޅުމެއް ދައްކާފައެވެ.
މެޗުގެ ދެވަނަ ސެޓު އަދި ތިންވަނަ ސެޓު ޝައްފާން އަދި މުންސިފް ކާމިޔާބުކުރިއެވެ. ދެވަނަ ސެޓު 11-8 އިން ކާމިޔާބުކުރިއިރު، ތިންވަނަ ސެޓު ކާމިޔާބުކުރީ 11-3 ކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ދެވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ހާއްސަކޮށް ޝައްފާން އަދި މުންސިފްގެ ކުޅުން ފާހަގަކޮށްލެވެއެވެ. މެޗުގެ ތިންވަނަ ސެޓު ޝައްފާން އައި މުންސިފް ކާމިޔާބުކުރީ ވަރަށް ފަސޭހަކަމާއެކުއެވެ. 3 ވަނަ ސެޓުގައި އަޒަރުބައިޖާންގެ ކުޅުންތެރިންނަށް މާ ރަގަނޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
މެޗުގެ ތިންވަނަ ސެޓު ފަސޭހަކަމާއެކު ރާއްޖެއިން ކާމިޔާބުކުރި ނަމަވެސް މެޗުގެ ހަތަރުވަނަ ސެޓު ވެގެންދިޔައީ ދެ ޓީމުއަށްވެސް ވަރަށް ތަފާތު އުނދަގޫ ސެޓަކަށެވެ. އެއީ ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިއުމާއެކު، އެއްވެސް ޓީމުއަކަށް މާބޮޑު ލީޑެއް ނެގުމުގެ ފުރުސަތެއް ލިބިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް ރާއްޖެއިން ކުޅުން ރަގަނޅު މުންސިފް އަދި ޝައްފާންވަނީ މެޗުގެ ހަތަރުވަނަ ސެޓު ކާމިޔާބުކޮށް މެޗުވެސް ކާމިޔާބުކޮށްފައެވެ. މެޗުގެ ހަތަރުވަނަ ސެޓު މުންސިފް އަދި ޝައްފާން ކާމިޔާބުކުރީ 12-10 އިންނެވެ.






ރިއެކްޓް