ޚަބަރު

ބޮޑު ރަސްމިއްޔާތެއް ބާއްވައި ތައާރަފްކުރި އީވިސާގެ ހިދުމަތް ދޭން އަދި ނުފަށާ

12 ނޮވެންބަރު 2025 - 13:37
ބޮޑު ރަސްމިއްޔާތެއް ބާއްވައި ތައާރަފްކުރި އީވިސާގެ ހިދުމަތް ދޭން އަދި ނުފަށާ
އީވިސާގެ ހިދުމަތް ތައާރަފްކުރުމަށް ބާސެލޯ ނަސަނދުރަގައި ބޭއްވި ރަސްމިއްޔާތު - ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް އިމިގްރޭޝަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް، އިލެކްޓްރޯނިކް ވިސާ ތައާރަފްކުރުމަށް ދެ ދުވަސް ކުރިން ބޮޑު ރަސްމިއްޔާތެއް ބޭއްވިނަމަވެސް, އެ ހިދުމަތް އަދި ލިބެން ފަށާނީ މި މަހުގެ ފަހުކޮޅު ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. 

މިދިޔަ ހޯމް ދުވަހު ބާސެލޯ ނަސަންދުރާގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގައި ރާއްޖޭގެ އީވިސާ ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ހިދުމަތް ތައާރަފް ކުރެވުމާއެކު އިމިގްރޭޝަންގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްވީ ކަން އެ ދުވަހު އިއުލާނުކުރިއެވެ. 

އެހެންނަމަވެސް އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ 10 ނޮވެންބަރުގައި ތައާރަފްކުރި އީވިސާ ހިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުހަލާއަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން އެ ހިދުމަތަށް ހުށަހެޅެން ފަށާނީ ނޮވެންބަރު 23 ގައި ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އީވިސާއަށް އެދުމަށް އަމަލުކުރަން ޖެހޭނެ ގޮތް ހިއްސާކުރާނެ ކަމަށް ބުނެފައިވެއެވެ. މި މުއްދަތުގައި ވިސާ އަދި ޕާސްޕޯޓަށް ހުށަހަޅަން ޖެހޭނީ ކުރިން ވެސް ހުށަހަޅަމުން އައި ގޮތަށް ކަމަށް ވެސް ބަޔާނުގައިވެއެވެ. 

އެނގިފައިވާ ގޮތުގައި މި ހިދުމަތް ރަސްމީކޮށް ތައާރަފްކޮށްފައިވަނީ އެންމެ ފުރިހަމައަށް ތައްޔާރުނުވެވެނީހެވެ. މިއީ ސަރުކާރުން ގެންގުޅޭ މޯލްޑިވްސް 2.0 ސިޔާސަތުގެ ދަށުން ފެށި ހިދުމަތެކެވެ.

އެ ސިޔާސަތާ އެެއްގޮތަށް 100 ޕަސެންޓް ޑިޖިޓަލައިޒް ކުރި ފުރަތަމަ މުއައްސަސާއަކީ މޯލްޑިވްސް އިމިގްރޭޝަން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އެ ދުވަހު ވިދާޅުވެފައިވެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0