15 އަހަރުވެފައިވާ ކޮލެޖުތައް ޔުނިވާސިޓީއަށް ބަދަލުކުރެވޭ ގޮތަށް ފާސްކޮށްފި
މެދުކެނޑުމެއްނެތި 15 އަހަރު ހިންގާފައިވާ ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް ގާނޫނު ބަދަލުކުރަން މިއަދު ފާސްކޮށްފި އެވެ.
ޔުނިވާސިޓީ ދަރަޖަ ލިބޭނެ ޝަރުތުތައް ލުއިކުރަން މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހެޅީ މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި، މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު އެވެ.
ގިނަ ދުވަސްތަކަކަށް ފަހު މަޖިލީހުން މި ބިލު މިއަދު ފާސްކުރި އިރު މައިގަނޑު ބަދަލަކަށް އޮތީ މެދުނުކެނޑި ހިންގަމުންދާތާ 15 އަހަރު ވެފައިވާ ކޮލެޖްތައް ނުވަތަ ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ގަބޫލުކުރާ ޔުނިވާސިޓީއެއްގެ ގޮތުގައި 10 އަހަރު ހިންގާފައިވާނަމަ ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭ ގޮތަށް އޮތުމެވެ.
މީގެ ކުރިން ގާނޫނުގައި އޮންނަނީ ޔުނިވާސިޓީއަކަށް ބަދަލުވެވޭނީ މަދުވެގެން 20 އަހަރު ހިންގާފައިވާ ކޮލެޖުތަކަށް ކަމަށެވެ.
ބިލުގައިވާ ގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ކަނޑައަޅާ ތަންތަނުގައި މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި ކިޔަވަމުންދާ މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން އަންނަން ޖެހޭނެ އެވެ. އަދި އެކަޑަމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑަމިކް މުވައްޒަފުން މަދުވެގެން %10އަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށް ވުން ފަދަ ޝަރުތުތައް ހިމަނާފައިވެ އެވެ.






ރިއެކްޓް