ޚަބަރު , ސިޔާސީ

ޕެންޝަން އޮފީހުގެ ސީއެފްއޯ ވެސް އިސްތިއުފާ ދެއްވައިފި

4 ނޮވެންބަރު 2025 - 20:01
ޕެންޝަން އޮފީހުގެ ސީއެފްއޯ ވެސް އިސްތިއުފާ ދެއްވައިފި

ޕެންޝަން ބޯޑުގެ މެންބަރު ޝަރުވަޝް އެ މަޤާމުން އިސްތިއުފާ ދިންތާ މާކަ ގިނަދުވަހެއް ނުވެ ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ، އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސޯޝަލްމީޑިއާގައި ފަޖުވާ ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ވަރަށް ފުންކޮށް އެކަމާމެދު ވިސްނެވުމަށް ފަހު ކަމަށެވެ. އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް އޭނާ ހާމަކޮށްފައި ނުވީ ނަމަވެސް މިއީ ސަރުކާރުން ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރަން އުޅޭ އުޅުމާއި ގުޅުންހުރި ކަމެއް ކަމަށް ބެލެވެއެވެ.

ޕެންޝަން ބޯޑުން ޝަރުވަޝު އިސްތިއުފާ ދެއްވީވެސް ހަމަ މިކަމާއި ގުޅިގެންނެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 22 ގައި ޝަރުވަޝް މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ކަމުގެ ހަޤީޤަތް ވަނީ ރައްޔިތުންނަށް ތިލަކޮށްދެއްވާފައެވެ. ރައީސް މުޢިއްޒަށް ޝަރުވަޝު ފޮނުވި ސިޓީގައި ސަރުކާރުން ހިންގަން އުޅޭ ޖަރީމާއާއި ދެކޮޅު ހަދާކަމާއި އޭގެއިން ޤައުމަށް ލިބޭނެ ގެއްލުން ވަރަށް ސާފުކޮށް ކިޔައިދެއްވާފައިވެއެވެ.

ނުފުއްދޭނޭ ވަޢުދުތަކެއްގެ ދަށުވަމުންދާ ޕީއެންސީގެ ސަރުކާރުން ދަނީ އެ ވަޢުދުތައް ފުއްދުމަށް ބޭނުންވާ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޗާޕުކުރުމަށް ވަރަށް ރޭވުންތެރިކަމާއެކު ސިއްރިއްޔާތުގައި މަސައްކަތް ކުރަމުންނެވެ. ފަޖުވާ އިސްތިއުފާ ދެއްވީ މިކަންކަމަށް ނޫނެކޭ ބުނުމުގެ ގޮތުން ކަމަށް ލަފާކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0