ޚަބަރު

ދައުލަތުން އަސްވާޑުގެ ސަންގަށް 4.9 މިލިއަން, ޝަހީމްގެ ނޫހަށް 8 ލައްކަ

29 އޮކްޓޫބަރު 2025 - 16:08
 1
ދައުލަތުން އަސްވާޑުގެ ސަންގަށް 4.9 މިލިއަން, ޝަހީމްގެ ނޫހަށް 8 ލައްކަ

ދައުލަތުން މީޑިއާތަކަށް ދޭ ފައިސާ އެންމެ ގިނައިން ލިބޭ މީޑިއާއަކަށް އިންފޮމޭޝަން މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު)ގެ މަސްލަހަތު އޮންނަ ސަންގު މީޑިއާ ވެއްޖެ އެވެ. 

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭން އިއުލާނުކުރި ފައިސާއަށް 18 މީޑިއާއެއް ޝަރުތު ހަމަވާ ކަން ވަނީ އިއުލާނުކޮށްފަ އެވެ. މި މީޑިއާތަކަށް ބަޖެޓުން ޖުމްލަ 28 މިލިއަން ދޫކުރާނެ ކަމަށް މީޑިއާ ހައުސް އިން ވަނީ ބުނެފަ އެވެ. 

މީގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބޭ މީޑިއާއަކަށް އޮތީ އަސްވާޑުގެ މަސްލަހަތު އޮންނަ ސަންގު މީޑިއާ އެވެ. ޓީވީއަދި އޮންލައިން ކެޓަގަރީއިން ވަކިން ފައިސާ ދޭއިރު, ސަންގު ޓީވީއަށް 3.8 މިލިއަން އަދި ސަންގު އޮންލައިނަށް 1.3 މިލިއަނާއެކު ޖުމްލަ 4.9 މިލިއަން ދޭން ވަނީ ނިންމައިފަ އެވެ. 

ދެ ވަނަ އަށް އެންމެ ގިނަ ފައިސާ ލިބެނީ ސަން ސިޔާމް މީޑިއާގެ ދަށުން ހިންގާ އެސްއެސްޓީވީ އަދި ސަން އޮންލައިން އަށެވެ. އެއީ 1.3 މިލިއަން ރުފިޔާ އަދި އެސްއެސް ޓީވީއަށް 2.9 މިލިއަން ރުފިޔާއެވެ. 

  • ވީޓީވީ - ތިން މިލިއަން ރުފިޔާ
  • ވީނިއުސް އެމްވީ-  1.1 މިލިއަން ރުފިޔާ
  • ވަން އޮންލައިނަށް 1.37 މިލިއަން ރުފިޔާ
  • ވޮއިސް އެމްވީ 1.36 މިލިއަން ރުފިޔާ
  • ދަ ޕްރެސް 1.34 މިލިއަން ރުފިޔާ
  • ދައުރު ނޫސް 1.3 މިލިއަން ރުފިޔާ
  • މިހާރު 1.29 މިލިއަން - އިނގިރޭސި އެޑިޝަންއަށް 1.17 މިލިއަން 
  • ތިލަދުން 1.2 މިލިއަން ރުފިޔާ
  • އަދަދު ނޫސް 1.17 މިލިއަން ރުފިޔާ
  • ތީރު މީޑިއާ 1.14 މިލިއަން ރުފިޔާ
  • ދިޔަރެސް 1.1 މިލިއަން ރުފިޔާ
  • ގާފު އޮންލައިން އެއް މިލިއަން ރުފިޔާ
  • މާލްދީފް އޮންލައިން 899،197.77 ރުފިޔާ

ފައިސާ ދޭން ނިންމައި އިއުލާނު ކުރި ބައެއް ނޫސްތަކަކީ ސަރުކާރުގެ އިސް ބޭފުޅުންގެ މަސްލަހަތު އޮންނަ ނޫސްތަކެވެ, އެގޮތުން މާލްދީފް އޮންލައިން އަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަރަބި ބަހުން ނެރުްއްވަން ފެއްޓެވި ނޫހެކެވެ. ނޫހުގެ ހިއްސާދާރުންގެ ގޮތުގައި މިވަގުތު ތިބީ ޝަހީމްގެ ދަރިފުޅު މާހިލް ޝަހީމާއި ޝަހީމްގެ އެންމެ އަރިސް ބޭފުޅާކަމަށްވާ އިސްލާމިކް މިނިސްޓްރީގެ ނައިބު މިނިސްޓަރު އަލީ އަހުސަންގެ ކޮއްކޮ އިބްރާހިމް އަޝްވާގެވެ. 

މާލްދީފް އޮންލައިން އިން އިނގިރޭސި ހަބަރު ލިޔަން ފަށާފައިވާއިރު މި އަހަރު ތެރޭގައި މާ ގިނަ ހަބަރުތަކެއް ލިޔެފައިވާ ކަމަކަށް ނުދައްކަ އެވެ.

ދިޔަރެސް ނޫހަކީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންގެ ނޫހެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 2
ލޯބި ލޯބި 1
މަޖާ މަޖާ 0