ކުޅިވަރު

އޭޝިއަން ޔޫތު ގޭމްސް 2025: ސްވިމިންގ ޓީމުން 4 ޤައުމީ ރެކޯޑް އާކޮށްފި

29 އޮކްޓޫބަރު 2025 - 11:01
އޭޝިއަން ޔޫތު ގޭމްސް 2025: ސްވިމިންގ ޓީމުން 4 ޤައުމީ ރެކޯޑް އާކޮށްފި
އަމްނާ ތަޒްކިޔާ މިރުޝާދު. ތަޒްކިޔާ ވަނީ މީގެ ތެރެއިން 3 ރެކޯޑު ހަދާފައި. ފޮޓޯ: އެމްއޯސީ

ބަހްރެއިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ފެތުންތެރިން 4 ޤައުމީ ރެކޯޑެއް އާކޮށްފިއެވެ. 

އޭޝިއަން ޔޫތު ގޭމްސްގެ 10 ވަނަ ދުވަހުގެ އިވެންޓުތަކުގެ ތެރެއިން ސްވިމިނިގައި ރާއްޖޭގެ އެތުލީޓުންގެ ތެރެއިން ރެކޯޑް އާކުރީ ލޫތު މުހައްމަދު ހުސައިން އާއި އަމްނާ ތަޒްކިޔާ މިރުސާދުއެވެ. 

މިގޮތުން ލޫތު އާކޮށްފައިވަނީ ފިރިހެނުންގެ ލޯންގކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑެވެ.  ލޫތު މި ރެކޯޑު އާކުރީ 02:41.02 އިން އިވެންޓު ނިންމައިގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ މިއަހަރުގެ އޮގަސްޓު މަހު ބޭއްވި 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އިޒްޔާން ނާޒިމްއެވެ. އިޒްޔާން މި އިވެންޓު ފުރިހަމަކުރީ 02:45.21 އިންނެވެ.

ތަޒްކިޔާ ވަނީ މިއަދުގެ އިވެންޓުތަކުގައި އިތުރު ދެ ރެކޯޑެއް އާކޮށްފައެވެ. އެއީ އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓާއި އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓެވެ. ތަޒްކިޔާ ލޯންގކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑް އާކުރީ 00:31.49 އިން އިވެންޓު ނިންމައިގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ހަނާން ޙުސައިން ޙަލީމް އެވެ. އެއީ 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި 00:31.68 އިން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ތަޒްކިޔާ އާކުރީ 00:32.57 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގައި ޤައުމީ ރެކޯޑް މީގެކުރިންވެސް އޮތީ ތަޒްކިޔާ އަތުގައެވެ. އެއީ މިދިޔަ އޮގަސްޓުމަހު ރޮމޭނިއާ ގައި ކުރިއަށްދިޔަ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 00:32.77 އިން ރޭސް ނިންމައިގެންނެވެ.

މީގެއިތުރުން ތަޒްކިޔާ މިރުޝާދު ވަނީ މިހާރު ކުރިއަށްދާ 3ވަނަ އޭޝިއަން ޔޫތު ގޭމްސްގައި 200 މީޓަރު އަންހެން ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑުވެސް އާކޮށްފައެވެ. ތަޒްކިޔާ މިއަދު ރެކޯޑު އާކޮށްފައި ވަނީ ދެމިނެޓް، 45.97 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ ކުރިންވެސް ތަޒްކިޔާ އަތުގައި އޮތް ރެކޯޑެކެވެ. އޭނާ މިދިޔަ އަހަރު ރެކޯޑު ހަދާފައިވާ ރެކޯޑެކެވެ. އެފަހަރު ތަޒްކިޔާ ރެކޯޑު ހެދީ ދެމިނެޓް، 51.26 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެހެންކަމުން މިފަހަރުގެ ޔޫތު ގޭމްސްގައި ތަޒްކިޔާގެ ފަރާތުން ބޮޑު ކުރިއެރުމެއް ފެނިގެން ގޮސްފައިވެއެވެ. 

އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ކޮންޓިންޖެންޓުގެ އިވެންޓުތައް ނިމުމަކަށް އައިސްފައިވާއިރު މިހާރު ދިވެހި އެތުލީޓުން ކުރިއަށް އޮތީ ސްވިމިންގ އިވެންޓުތައް އެކަންޏެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0