ޚަބަރު

ހައްޔަރުކުރި މީހުންގެ ބަންދަށް 5 ދުވަސް, ގެއްލުނު ޑޮލަރު އަދިވެސް ނުހޯދޭ!

28 އޮކްޓޫބަރު 2025 - 13:43
ހައްޔަރުކުރި މީހުންގެ ބަންދަށް 5 ދުވަސް, ގެއްލުނު ޑޮލަރު އަދިވެސް ނުހޯދޭ!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން 100,000 ޑޮލަރު ފޭރިގަތް ކަމަށް ބުނާ ހަތަރު މީހުންގެ ބަންދަށް 5 ދުވަސް ޖަހައިފި އެވެ. 

އެ މީހުން ހައްޔަރުކުރިތާ 24 ގަޑިއިރު ފަހުން އެ މީހުންގެ ވަނަވަރު އާންމުކޮށް ފުލުހުން ބުނީ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ބަންދަށް 5 ދުވަސް ދީފައިވާ ކަމަށެވެ. 

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ) އެވެ. 

މި މައްސަލާގައި ފޭރުނު ޑޮލަރުގެ ތަފްސީލެއް ފުލުހުން ދީފައިނުވާއިރު ތަހުގީގު ކުރިއަށް ދިޔަ މިންވަރަކުން މީޑިއާއަށް ހާމަކުރެއްވުންހުރި މައުލޫމާތު ހާމަ ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. 

އެނގިފައިވާ ގޮތުގައި ފޭރުނު ޑޮލަރު އަދިވެސް ހޯދިފައިނުވެ އެވެ. ފުލުހުން ގެންދަނީ އެ މީހުން އެއާޕޯޓުން ފުރައިގެން ދިޔައީ ހުރައަށް ކަމުގައިވާތީ ޑޮލަރު ހޯދުމަށް އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. 

މި މީހުން ހައްޔަރުކޮށްފައިވަނީ ވެސް ހުރައިންނެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0