ޚަބަރު

މި ސަރުކާރުން ފައިސާ ޗާޕުނުކުރާ ކަމަށް ބުނެ ސައީދު މަޖިލީހުގައި ދޮގުހަދައިފި

28 އޮކްޓޫބަރު 2025 - 13:26
މި ސަރުކާރުން ފައިސާ ޗާޕުނުކުރާ ކަމަށް ބުނެ ސައީދު މަޖިލީހުގައި ދޮގުހަދައިފި

މި ސަރުކާރުން ފައިސާ ޗާޕު ނުކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދޮގު ހަދައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ އެމްއެމްއޭއާއި ޕްނެޝަން އޮފީހުގެ ބޮންޑުގެ ވާހަކައަށް އިޝާރާތް ކުރައްވާ ސައީދު މިހާރު ފައިސާ ޗާޕު ކުރުމަށް ތާއީދު ކުރައްވަނީތޯ ސުވާލު ކުރައްވައިފަ އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕު ނުކުރާނެ ކަމަށެވެ. 

މަޖިލީހަށް ވަޑައިގެން ވަރަށް ރުންކުރު ޖަވާބުތަކެއް ދެއްވި ސައީދު ސީދާ ސުވާލުތަކަށް ޖަވާބުދެއްވުމުގެ ބަދަލުގައި މިއަދު ވެސް މަސައްކަތް ކުރައްވާފައިވަނީ އިދިކޮޅަށް ފާޑުވިދާޅުވުމަށެވެ. މެންބަރުން ކުރެއްވި ގިނަ ސުވާލުތަކަށް އޭނާއަށް ޖަވާބު ދެވިފައިނުވެ އެވެ. 

ސަރުކާރުގެ ހަރަދުތައް ފޫބައްދަން އެމްއެމްއޭ މެދުވެރިކޮށް ޕެންޝަން އޮފީހުން ބޮންޑެއް ނަގައިގެން ސަރުކާރުން އަންނަނީ ބިލުތައް ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. އެ މުއާމަލާތް ކުރިއަށް އޮތް ހަފްތާ ތެރޭގައި ނިންމާނެ ކަމަށް އޮތީ ބެލެވިފަ އެވެ. 

ގާނޫނުގައި ބުނާ ފައިސާ ޗާޕުކުރުމުގެ މާނައަށް ނުފެތުނުނަމަވެސް, ޕެންޝަން ފަންޑުން ގަނެފައި ހުރި ބޮންޑުތައް އެމްއެމްއޭއަށް ފައިސާ ޗާޕުނުކޮށް ގަތުމުގެ ކެޕޭސިޓި ނުހުންނާނެ ކަމަށް އިގްތިސޯދީ މާހިރުން އަންނަނީ ބުނަމުންނެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0