ކުޅިވަރު

އޭޝިއަން ޔޫތު ގޭމްސް 2025: އާޔަތަށް މޮޅެއް، ޓީޓީ ޓީމުގެ ހިތްވަރަށް ތައުރީފް

27 އޮކްޓޫބަރު 2025 - 13:55
އޭޝިއަން ޔޫތު ގޭމްސް 2025: އާޔަތަށް މޮޅެއް، ޓީޓީ ޓީމުގެ ހިތްވަރަށް ތައުރީފް
ފޮޓޯ: އެމްއޯސީ

ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓްތައް މިއަދު ފަށާފައިވާ އިރު، ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރުގަދަ ހިތްވަރެއް ކަމަށް ކޯޗު މެހްދީ ހޯޝްމަރަމް ބުނެފިއެވެ. 

ކޯޗު ހޯޝްމަރަމް މެޗުތަކަށްފަހު ބުނީ މިއަދުގެ މެޗުތަކުގައި ރާއްޖޭގެ އެތުލީޓުންނަށް ވާދަކުރަން ޖެހުނީ އޭޝިއާގެ އިތުރުން ދުނިޔޭގެ އެންމެ ވަރުގަދަ ޖޫނިއާ ކުޅުންތެރިންނާ ކަމަށާއި، އެ ކުޅުންތެރިން ކައިރިން ދެއްކި ހިތްވަރަށް ސާބަސް ދޭ ކަމަށެވެ. އަދި އޭޝިއަން ޔޫތު ގޭމްސްގައި މެޑަލްއެއް ހޯދަން ކުރާ އުންމީދަށް މިއަދު ލިބުނީ މުހިއްމު ތަޖުރިބާއެއް ކަމަށް ކޯޗު ހޯޝްމަރަމް ބުނެފައިވެއެވެ. 

ޓީޓީ އިވެންޓްތައް މިއަދު ފަށާފައިވާ އިރު، ރާއްޖޭގެ ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިންވެސް މެޗުތައް ކުޅެފައިވެއެވެ. ގިނަ ކުޅުންތެރިން ވާދަކުރީވެސް އޭޝިއާގެ އިތުރުން ދުނިޔޭގެ ފެންވަރުގައިވެސް ރަނގަޅު ރޭންކްތަކުގެ ކުޅުންތެރިންނާ ދެކޮޅަށެވެ. 

އެންމެ ފުރަތަމަ ގްރޫޕް ޑީގައި ހަލަފް މުހައްމަދު ރާފިއު ވާދަކުރީ ދުނިޔޭގެ 17 އަހަރުން ދަށުގެ ހަތް ވަނައަށް ރޭންކް ކޮށްފައިވާ ޖަޕާނުގެ ޝުންޓޯ އިވައިޑާއާ ދެކޮޅަށެވެ. އެމެޗުގެ ފުރަތަމަ ސެޓުގައި ކަލަފް ވަނީ އޭނާއާ ވާދަކޮށް، ވަރުގަދަ ކުޅުމެއް ދައްކައިފައެވެ. ޖަޕާނުގެ ޝުންޓޯ މެޗު ކާމިޔާބުކުރީ 3-0 ސެޓުންނެވެ. 

ގްރޫޕް އޭގައި މުހައްމަދު އާލް އިމްރާނަށް ވާދަކުރަން ޖެހުނީ 17 އަހަރުން ދަށުގެ ދުނިޔޭ ރޭންކިން ދެވަނަ، ދެކުނު ކޮރެއާގެ ސެއުންގްސޯ ލީއާ ދެކޮޅަށެވެ. މެޗުގެ ސެޓުތަކުގައި އާލް ވާދަކޮށްލި ނަމަވެސް، ކޮރެއާގެ ލީ ވަނީ ތިން ސެޓުން މެޗު ގެންގޮސްފައެވެ. 

ދެން ވާދަކުރަމުންދާ ޓީޓީ ފިރިހެން އެތުލީޓް އަލްޔާން އަލީ ނިޝާމް ވާދަކުރަން ޖެހުނީ އިންޑިއާގެ ވަރުގަދަ ސާހިލް ރާވަތާ ދެކޮޅަށެވެ. މެޗުގައި އަލްޔާންވެސް ރަނގަޅު ހިތްވަރެއް ކުރި ނަމަވެސް ރާވަތު ވަނީ ތިން ސެޓުން މެޗު ގެންގޮސްފައެވެ. 

ޓީޓީ އަންހެން މެޗުތަކަށް  ބަލާ އިރު، މިޝްކާ ބިންތު މުއިއްޒާ ވާދަކުރަން ޖެހުނީ އޭޝިއާ ރީޖަންގެ ގަދަ 10 ގެ ތެރޭގައި ހިމެނޭ ހިން ކޮންގެ މަކް މިންގް ޝުމްއާ ދެކޮޅަށެވެ. އަދި އައިމިނާ އާޔާތު އާދަމް ވާދަކުރަން ޖެހުނީ ކަޒަކިސްތާނުގެ ޑްރްޔާ ފޫއާ ދެކޮޅަށެވެ. އެއީވެސް އޭޝިއާގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އަދި އައިޝަތު އަލްސާ ނާފިޒް ވާދަކުރީ 17 އަހަރުން ދަށުގެ ދުނިޔޭ ރޭންކިންގެ ތިންވަނައަށް ރޭންކް ކޮށްފައިވާ ޗައިނީސް ޓައިޕޭގެ ވޫ މިން ސިންނާ ދެކޮޅަށެވެ. އެމެޗުތައް ދިވެހި ކުޅުންތެރިންނަށް ގެއްލުނީ ތިން ސެޓުންނެވެ. 

ރާއްޖޭގެ އާޔާތު ވަނީ އޭނާ ކުޅުނު ފަހު މެޗުގައި ކާމިޔާބު ހޯދައިފައެވެ. ޔަމަނުގެ ރަގާދު ނޯއާ ކައިރިން އާޔާތު މެޗު ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 11-5، 11-8 އަދި 11-7 އިންނެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0