ޚަބަރު , ސިޔާސީ

އަންނަ އަހަރުގެ ބަޖެޓް ހުށަހަޅަން ފަސް ދުވަސް, އަދި މަސައްކަތް ނުފަށާ

26 އޮކްޓޫބަރު 2025 - 17:10
އަންނަ އަހަރުގެ ބަޖެޓް ހުށަހަޅަން ފަސް ދުވަސް, އަދި މަސައްކަތް ނުފަށާ
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު -- ފޮޓޯ: އޭއެފްޕީ

ކުރިއަށް އޮތް 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މާލީ ވުޒާރާއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބާކީ އެންމެ ފަސް ދުވަހަށް ވެފައިވާއިރު އަދިވެސް މާލީ ވުޒާރާގައި ބަޖެޓުގެ މަސައްކަތް ނުފަށާކަން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގައި އިސްކޮށް މަސައްކަތްކުރާ މުވައްޒަފަކު "ވިރާސީ" އަށް މަޢުލޫމާތުދެމުން ބުނެފައިވަނީ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ބަޖެޓު މަސައްކަތްތައް އަދިވެސް ނުފަށާ ކަމަށެވެ. ނަމަވެސް ބަޖެޓް ހެދުމުގެ މަސައްކަތަށް ތައްޔާރުވުމުގެ ބައެއް މަސައްކަތްތައް ނުރަސްމީކޮށް ބައެއް ސެކްޝަންތަކުގައި ކޮންމެވެސް ވަރަކަށް ކުރާކަމަށެވެ. 

ނަން ހާމަނުކުރުމަށް އެދި އެ މުވައްޒަފު ވިދާޅުވީ ބަޖެޓުގެ މަސައްކަތް ލަސްވެފައިވަނީ ރައީސް އޮފީހުގެ ނުފޫޒުގެ ސަބަބުނެނެވެ. މިގޮތުން ބަޖެޓުގައި "ކޮންމެވެސް އަދަދުތަކެއް ޖަހައި ޑްރާފްޓްކުރުމަށް" ރައީސް އޮފީހުގެ އިސް ފަރާތަކުން  ފިނޭންސްގެ ބައެއް މުވައްޒަފުންނަށް އިރުޝާދު ދީފައިވާކަމަށެވެ.

މާލީއްޔަތު ޤާނޫނުގެ 32 ވަނަ މާއްދާގައި ބުނާގޮތުން "ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު، މިނިސްޓަރު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 2 މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ." އެހެން ކަމުން އަންނަ އަހަރުގެ ބަޖެޓު މިމަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.

ފިނޭންސް މިނިސްޓްރީން ރަސްމީ ޖަވާބެއް މިކަމުގައި ދީފައި ނުވީ ނަމަވެސް އެ މިނިސްޓްރީގެ މީޑިއާ އޮފިސަރ ވިދާޅުވީ މަސައްކަތް ފެށުމުގެ "ޕްރޮސެސް" ފެށިފައިވާ ކަމަށާއި ވަރަށް އަވަހަށް މީޑިއާއަށް މަޢުލޫމާތު ދެއްވާނެ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1