ކުޅިވަރު

އޭޝިއަން ޔޫތު ގޭމްސް 2025: ބީޗްވޮލީ ފިރިހެން ޕެއާގެ ދެވަނަ މެޗުން ލަންކާ އަތުން ބަލިވެއްޖެ

21 އޮކްޓޫބަރު 2025 - 19:23
އޭޝިއަން ޔޫތު ގޭމްސް 2025: ބީޗްވޮލީ ފިރިހެން ޕެއާގެ ދެވަނަ މެޗުން ލަންކާ އަތުން ބަލިވެއްޖެ
މިއަދު ކުޅުނު ފިރިހެން ބީޗް ވޮލީ މެޗުގެ ތެރެއިން. ފޮޓޯ: އެމްއޯސީ

ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގެ ފިރިހެން ބީޗްވޮލީ އިވެންޓުގައި ރާއްޖޭގެ ފިރިހެން ޕެއާއިން ކުޅުނު މެޗުގައި ސްރީ ލަންކާ އަތުން ބަލިވެއްޖެ އެވެ.

ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޕެއާއަކީ ޝަރަފް އަބްދުﷲ އަލީ އާއި މުހައްމަދު އިކްރާމް އިސްމާއީލް ރަޝީދުގެ ޕެއާއެވެ. އިއްޔެ ގަތަރާ ދެކޮޅަށްވެސް ރަނގަޅު ކުޅުމެއް ރާއްޖޭގެ ޕެއާއިން ދައްކާފައިވާ އިރު، ލަންކާގެ ސަލްޕަޑޮރޫގެ ޑިޑޫލާމަހީނާއާއި މިޑިގަސްޕާގޭ ޑޯން ކޫސަލް ޑުލްމީނާގެ ޕެއާއިން މިއަދު ރާއްޖެ މައްޗަށްކުރި ހޯދީވެސް 2-1 ސެޓުންނެވެ.   

ބަހްރެއިންގެ ސަމާ ބޭ ބީޗްވޮލީ އެރީނާގައިކުޅުނު މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ރާއްޖެއިން ލީޑު ނަގައިގެން ގިނަވަގުތު ލީޑުގައި އޮތް ނަމަވެސް، އެ ސެޓު ގެއްލުނީ 21-15 އިންނެވެ. ދެވަނަ ސެޓަށް ރާއްޖޭގެ ޕެއާއިން ކުޅުން ރަނގަޅުކޮށް، ގާތްގަނޑަކަށް ސެޓު އެއްކޮށް ދިޔައީ ލީޑުކުރަމުންނެވެ. އިކްރާމާއި ޝަރަފްގެ ޕެއާއިން ޔަގީންކަމާއެކު ކުޅެ އެ ސެޓުގެންދިޔައީ 21-12 އިންނެވެ.

ޓައިބްރޭކް ސެޓުގެ ފަހުކޮޅަށް ދަންދެންވެސް ރާއްޖޭގެ ޕެއާއިން ދިޔައީ ވަރުގަދައަށް ވާދަކުރަމުންނެވެ. އެ ސެޓު ފަހުކޮޅުގައި ގެއްލުނީ 15-7 އިންނެވެ. ސެޓުގައިރާއްޖޭގެ ޕެއާއިން ވަނީ ހިތްވަރާއެކު މަސައްކަތް ކޮށްފައެވެ.  

ބީޗް ވޮލީ ފިރިހެން ޕެއާއަށް މިރޭ އިތުރު މެޗެއް އޮންނާނެއެވެ. ބައްދަލުކުރާނީ އިންޑޮނޭޝިއާގެ ޕެއާއާ ދެކޮޅަށެވެ. އެމެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ 11:00 ގައެވެ. އިންޑޮނޭޝިއާއަކީ ގޭމްސްގައި އެންމެ ވަރުގަދަ އެއް ޓީމެވެ. އެޓީމަކީ ދެވަނައަކަށް ސީޑް ކޮށްފައިވާޓީމެވެ. އެއްވަނައަށް ސީޑް ކޮށްފައިވާ ޓީމަކީ ތައިލެންޑެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0