ކުޅިވަރު

އޭޝިއަން ޔޫތު ގޭމްސް 2025: އަންހެން ބީޗް ވޮލީ ޓީމުން ސީދާ ސެ ސެޓުން ބަހްރެއިން ބަލިކޮށްފި

21 އޮކްޓޫބަރު 2025 - 14:45
އޭޝިއަން ޔޫތު ގޭމްސް 2025: އަންހެން ބީޗް ވޮލީ ޓީމުން ސީދާ ސެ ސެޓުން ބަހްރެއިން ބަލިކޮށްފި
އަންހެން ބީޗް ވޮލީ ޓީމު އިއްޔެ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އެމްއޯސީ

ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގެ އަންހެން ބީޗް ވޮލީބޯޅަ އިވެންޓްގައި ރާއްޖޭގެ އަންހެން ޕެއާ ކަމަށްވާ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުހައްމަދު ސިދުގީ ކުޅުނު ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން ހޯސްޓް ބަހްރެއިން ބަލިކޮށްފި އެވެ.

ބަހްރެއިންގެ ސަމާ ބޭ ބީޗް ވޮލީބޯޅަ އެރީނާގައި ކުރިއަށްދިޔަ މެޗުގައި ރާއްޖޭގެ ޕެއާއިން ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ އިރު, ސެޓުތައް ގެންދިޔައީ 21-9 އަދި 21-12 އިންނެވެ.

ބަހްރެއިންގެ ލަޔާން މާޖިދާއި މާޔާ ފަލާހާ ދެކޮޅަށް ރާއްޖޭގެ ޕެއާއިން ކުޅުނު ދެ ސެޓުގައިވެސް ރަނގަޅު ރޫހެއް ދައްކާފައިވެ އެވެ. ދެ ސެޓުގައިވެސް ރާއްޖެއިން ރަނގަޅު ލީޑެއް ނަގައި, މެޗު ކާމިޔާބުކުރީ ޔަގީންކަމާއި އެކުގަ އެވެ.

ބަހްރެއިންގައި ކުރިޔަށްދާ މި ގޭމްސްގެ އަންހެން ބީޗް ވޮލީ އިވެންޓުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގަ އެވެ. އެ ގްރޫޕްގައި ރާއްޖެއާއި ބަހްރެއިންގެ އިތުރުން ދެން ހިމެނެނީ އިންޑޮނޭޝިއާގެ އިތުރުން ތައިލެންޑް, މޮންގޯލިއާ އަދި ޖޯޑަން އެވެ.

އަންހެން ބީޗް ވޮލީ ޓީމު މިރޭ ރާއްޖެ ގަޑިން 7:00 ގައި މޮންގޯލިއާއާ ދެކޮޅަށް ނިކުންނާނެ އެވެ. އަދި މިރޭ 10:00 ޖަހާއިރު ތިންވަނަ މެޗުގައި އިންޑޮނޭޝިއާއާ ދެކޮޅަށް ނިކުންނާނެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0