ކައުންސިލް އިންތިޚާބުގެ ކެންޕޭނަށް ކުރާ ދަތުރުތައް ފުލުފުލުގައި, މިފަހަރު ހައްދުންމައްޗަށް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެންޕޭނު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ "ރަސްމީ" ދަތުރުފުޅުތަކުގެ ސިލްސިލާގެ އިތުރު ބޮޅެއް މިއަދު ފައްޓަވައިފިއެވެ.
ރައްޔިތުންގެ ރުހުމާއި ތާއީދު ހޯދައި ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ޔަގީންކޮށްދިނުމުގެ މަސައްކަތްތައް ފާޅުގައި ކުރައްވާ މިދަތުރުފުޅުތަކުގެ ތެރެއިން މިއަދު ފުރާވަޑައިގެންނެވީ 3 ދުވަހުގެ ދަތުރުފުޅެއްގައި ހައްދުންމައްޗަށެވެ.
މިއީ މި ހިނގާ އޮކްޓޯބަރުމަހުގެ ތެރޭގައި ރައީސް އަތޮޅު ތެރެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މިމަހުގެ 13 ވަނަ ދުވަހު ވަނީ ށ. އަތޮޅުގެ 14 ރަށަކަށް 4 ދުވަހުގެ ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުގައި އެ އަތޮޅު ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫ އަށް ވަޑައިގެން ތަރައްޤީގެ ބައެއް މަޝްރޫޢުތައް އިފްތިތާހު ކުރައްވައި, އިތުރު ވަޢުދުފުޅުތައް ވެލެއްވިއެވެ.
ލ އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫއަށް ވަޑައިގަންނަވާނެއެވެ.
ރައީސް ލ. އަތޮޅަށް މިއަދު ވަޑައިގަންނަވާއިރު, އެ އަތޮޅަށް މިއަދުގެ މޫސުން ދައްކަނީ ވިއްސާރަކޮށެވެ. އެކި ގަޑިތަކުގައި ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކުރާއިރު ރައީސަށް މަރުހަބާ ދެންނެވުމަށް އާދައިގެ މަތީން މުވައްސަސާތަކުގެ މުވައްޒަފުންނާއި ސްކޫލް ކުދިން ބަނދަރުމައްޗަށް ނެރޭނެ ކަމަށް ބެލެވެއެވެ.






ރިއެކްޓް