އޭސީޕީ ދާއޫދުގެ 14 މިލިއަނުގެ މާލިއްޔަތު ގުޅިފައިވަނީ އެމްއެމްޕީއާރުސީ ޚިޔާނާތާއި ކަމަށް ބެލެވޭ: ނާޒިމް
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ދާއޫދުގެ 14.6 މިލިއަން ރުފިޔާގެ މާލިއްޔަތު ގުޅިފައިވަނީ އެމްއެމްޕީއާރުސީ ޚިޔާނާތާ ކަމަށް ބެލެވޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ދާއޫދާއި ގުޅޭ ރިޕޯޓެއް އިއްވަމުން ނާޒިމް ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރިއިރު ދާއޫދުގެ މައްސަލައެއް ބަލާފައިވާ ކަމަށެވެ، އަދި އެ ތަހުގީގުން ފާހަގަކުރެވުނު ގޮތުގައި ދާއޫދު 14.6 މިލިއަން ރުފިޔާގެ މުދާ ގަނެފައިވާ ކަމަށާއި އެ ފައިސާ ގުޅިފައިވަނީ އެމްއެމްޕީއާރުސީއާއި ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ތަހުގީގުގެ ހޯދުންތަކާ ހަވާލާދީ ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ދާއޫދު އެފްޑަބްލިއު ރެޒިޑެންސްއިން އެޕާޓްމަންޓުތަކެއް ގަނެފައިވާ ކަމަށާއި، 4.1 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ދައްކާފައިވާ ކަމަށް ބެލެވެއެވެ. މި އެޕާޓްމަންޓުތައް ގަނެފައިވަނީ އާއިލާގެ މެންބަރެއްގެ ނަމުގައި ކަމަށާއި، މިހާރު އެ އެޕާޓްމަންޓުތައް ވަނީ ދާއޫދުގެ ދަރިފުޅެއްގެ ނަމަށް ބަދަލުކޮށްފައިކަން ނާޒިމް ފާހަގަކުރެއްވިއެވެ.
އިތުރަށް ފާހަގަކުރެވުނު ގޮތުގައި، 2016 އިން ފެށިގެން މާލޭ ގެއެއްގެ ކުލި ދާއޫދު އަދި އޭނާގެ އަނބިމީހާގެ އެކައުންޓަށް ޖަމާވަމުން ގޮސްފައިވާ ކަމަށާއި އެ ގެއަކީ ދާއޫދު ނުވަތަ އޭނާގެ އަނބިމީހާގެ ގެއެއް ނޫން ކަމަށާއި، އެ ގޭގެ ކުލި ދާއޫދަށް ލިބޭނެ ގޮތެއް ފެންނަން ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2023 އަދި 2024 ވަނަ އަހަރާ ދެމެދު ދާއޫދުގެ އެކައުންޓަށް ފޮނުވި ފަރާތެއް ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވެއެވެ. އަދި އޭނާ ހިއްސާވާ އެއްވެސް ވިޔަފާރި ކުންފުންޏެއް ނެތުމުންނާއި އަމިއްލަ ނަމުގައި ވިޔަފާރިއެއް ނުކުރާއިރު، މި ފައިސާގެ މަސްދަރު އިތުރަށް ބަލަންޖެހޭ ކަމަށް ތަކުރާރުކޮށް ނާޒިމް ވިދާޅުވިއެވެ.






ރިއެކްޓް