ކުޅިވަރު

ތަޖިކިސްތާން އަތުން ރާއްޖެއަށް ބައްޔެއް

10 އޮކްޓޫބަރު 2025 - 00:16
ތަޖިކިސްތާން އަތުން ރާއްޖެއަށް ބައްޔެއް
ފޮޓޯ: އޭއެފްސީ

އޭޝިއަން ކަޕް ކޮލިފައިންގައި ރަށުން ބޭރުގައި ތަޖިކިސްތާނާއި ދެކޮޅަށް ކުޅެ ރާއްޖެ ބަލިވެއްޖެ އެވެ. 

މިއަދު ހަވީރު ކުޅުނު މި މެޗު ތަޖިކިސްތާނުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ދެ ލަނޑުވެސް ތަޖިކިސްތާނުން ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ ފުރަތަމަ ލަނޑު 8 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށް ދިނީ ޝަހްރޯމް ސާމިއޭވ އެވެ. ދެވަނަ ލަނޑު 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޝެރޮވާނީ މަބޮޓްޝައެވް އެވެ. 

މި މެޗުގައި ތަޖިކިސްތާނުން ޖެހި ދެ ލަނޑުވެސް ކާމިޔާބު ކުރީ ރާއްޖޭގެ ކީޕަރަށް ހެދުނު ދެ މިސްޓޭކުގެ ފައިދާ ނަގައިގެންނެވެ. ތަޖިކިސްތާނުން ނެގި ހުރަހަކުން އޭރިޔާ ތެރޭގައި ހުރި ކުޅުންތެރިޔާ ފުރަތަމަ ލަނޑު ކާމިޔާބު ކުރި އިރު އެ ބޯޅަ ދިޔައީ ކީޕަރު ފައިސަލް ގެ ފައި ދަށުންނެވެ. 

ދެވަނަ ލަނޑު ޖެހީ އެ ޓީމުން ނެގި ހުރަސް ކީޕަރު ފައިސަލަށް ނުހިފި އޭރިއާ ތެރެއަށް ދިޔަ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގައި ރާއްޖެއަށް ލިބުނު ހަމަ އެކަނި ފުރުސަތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރާއިފް އަހުމަދު (ހަންނަ) އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

އޭޝައިން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ހުރިހާ މެޗަކުން ބަލިވެފައިވާއިރު މި މަހު 14 ވަނަ ދުވަހު ތަޖިކިސްތާނާއި ދެކޮޅަށް ރާއްޖެ ކުޅޭ ދެވަނަ ލެގު މާލޭގައި ކުޅޭނެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0