އޮކްޓޯބަރު 3: ސިޔާސީ ހައްޔަރީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި
އޮކްޓޯބަރު 3 ވަނަ ދުވަހުގެރޭ ހެންވޭރު ކޮޅުގައި ބޭއްވި މުޒާހަރާއިން ހައްޔަރުކޮށްފައިވާ 6 މީހުން މިހާރު ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައެވެ. މިކަން ހާމަކުރައްވާފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވި ގޮތުގައި، މި ހަޅުތާލު ފަށާފައިވަނީ ޤާނޫނު އަސާސީން ލިބިދޭ ބޭސްފަރުވާގެ ހައްޤުން އެ ހައްޔަރީން މަހުރޫމު ކޮށްފައިވާތީ އާއި އެ މީހުންގެ ތަހުޤީޤު ލަސްކުރުމަށް ގަސްތުގައި ފުލުހުން މަސައްކަތް ކުރާތީއެވެ.
މުޒާހަރާއިން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ކަމަށްވާ ޔާސިރު އަބްދުއްލަތީފާއި ޔައުގޫބު އަބްދުﷲ ގެ އިތުރުން، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު، އަލީ ޖުމާން، އަޒްމީ އަލީ އަދި ހަސަން ޝާކިރެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވަނީ މި 6 މީހުންނަށް "ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްޤުތައް ލިބިދިނުމަށް" ގޮވާލައްވާފައެވެ. އަދި މިކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
މި 6 މީހުން ހައްޔަރުކުރި ގަޑީގައި ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެމީހުންނަށް އަނިޔާވެފައިވާާކަމަށް ޤާނޫނީ ވަކީލުން ވަނީ ބުނެފައެވެ, ނަމަވެސް އެއްވެސް ހައްޔަރީއަކަށް ބޭސްފަރުވާ ދިނުމަަށް ހޮސްޕިޓަލަށް ގެންގޮސްފައި ނުވާކަމަށް ވަކީލުން ވަނީ ބުނެފައެވެ.






ރިއެކްޓް