ތޮށްޖެހިފައިވާ މާލޭގައި 3,000 ހައުސިން ޔުނިޓު އަޅަން ރައީސް ވައުދުވެއްޖެ
ތޮށްޖެހިފައިވާ މާލޭގައި ސަރުކާރުން މި އަހަރު ތެރޭގައި 3000 ހައުސިން އަޅަން ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅުން ހުކުރު ދުވަހު މާލޭގައި ބޮޑު ހަރަކާތެއް ބާއްވާތީ, އެކަމާ ގުޅުވައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ ހަރުގެ ޖަލްސާއެއް ބާއްވައިފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ހާޒިރުކުރި މި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ, މި އަހަރު މާލޭގައި އެންމެ މަދުވެގެން 3،000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފަށާނެ ކަމަށެވެ.
މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އަޅާ 4,000 ފްލެޓުގެ އިތުރުން އަޅާ ފްލެޓުތައް ކަމަށާއި އެ ހައުސިން ޔުނިޓުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ހައުސިން ޔުނިޓު އަޅާން ފަށާނީ މާލޭގައި ކަމަށް ވަރަށް ސާފުކޮށް ވިދާޅުވި ނަމަވެސް, ފްލެޓު އަޅަން ނިންމި ތަނެއް އަދި މަސައްކަތް ފެށޭނެ ތާރީހެއް ރައީސް ވިދާޅުނުވެ އެވެ.
ރައީސް ވިދާޅުވީ ލެ އާއި ރާއްޖޭގެ އެކި ކަންކޮޅުގައި އަލަށް ފެށޭ މަޝްރޫއޫތަކުން ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަމުން ގެންދާނެ ކަމަށެވެ.
ފަސް އަހަރު ނިމޭއިރު ރާއްޖޭގައި ބޯހިޔާވަހިކަން ނެތް އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވިނަމަވެސް, ދެ އަހަރު ނިމެން ކައިރިވެފައިވާއިރު މި ސަރުކާރުން ފަށައިގެން މިހާތަނަށް އެއްވެސް ހައުސިން ޔުނިޓެއް ހަވާލުކޮށްދެވިފައިނުވެ އެވެ.






ރިއެކްޓް