ޚަބަރު

ބާރަ މިލިއަން ރުފިޔާގެ ކޮރަޕްޝަން: މުޢާޒުވެސް ބުނީ ޢަމަލު ކުރީ "އުސޫލުގެ" ތެރެއިން ކަމަށް

29 ސެޕްޓެމްބަރު 2025 - 17:25
ބާރަ މިލިއަން ރުފިޔާގެ ކޮރަޕްޝަން: މުޢާޒުވެސް ބުނީ ޢަމަލު ކުރީ "އުސޫލުގެ" ތެރެއިން ކަމަށް

ފެނަކަ ކޯޕަރޭޝަން ހިންގުމާއި މުޢާޒު މުޙައްމަދު ރަޝީދު ހަވާލުވެ ހުރި ދުވަސްވަރު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ 12 މިލިއަން ރުފިޔާގެ ކޮރަޕްޝަނުގެ މައްސަލަތަކުގައި އޭނާ ޢަމަލުކޮށްފައިވާނީ ފެނަކައިގަ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމުގައި ބުނެފިއެވެ.

މި މައްސަލައިގައި ފާހަގަކުރެވޭ އެއް އިއްތިފާގަކީ، އިއްޔެ ފެނަކައިގެ ކޮރަޕްޝަނުގެ މައްސަލައެއްގައި 4 އަހަރުގެ ޖަލު ހުކުމެއް އިއްވުނު އަހުމަދު ސަޢީދު (ފެނަކަ ސަޢީދު) ވެސް އޭނާގެ ދިފާޢުގައި ބުނެފައިވަނީ "ޢަމަލު ކުރީ އުސޫލުގެ ތެރެއިން" ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝިއަލް އިންވެސްޓިގޭޝަން ރިޕޯޓުން ދައްކާގޮތުގައި، މުޢާޒު ފެނަކައާއި ހަވާލުވެ ހުރި ދުވަސްވަރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ދިމާކޮށް 12 މިލިއަން ރުފިޔާ ފެނަކައިން އެކި ކުންފުނިތަކަށް ބޭރުކޮށްފައިވެއެވެ.

"ވިރާސީ" އިން މި ރިޕޯޓާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުޢާޒު ވިދާޅުވީ ރިޕޯޓު ލީކުކޮށްލައިގެން އުޅެނީ އެމްޑީޕީ ސަރުކާރުގައި ފެނަކައިގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތަކަށް ރައްޔިތުން ސަމާލުކަންދޭ މިންވަރު ކުޑަ ކުރުމަށް ކަމަށެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަޖިލިސް އިންތިޚާބަށް އެންމެ ހަތަރު ދުވަސް އޮއްވާ، ކެންގޯ ޕްރައިވެޓް ލިމިޓެޑަށް 18 އޭޕްރީލް 2024ގެ ދަންވަރު 2:00 ހާއިރު ފައިސާ ފޮނުވާފައިވެއެވެ. އަދި ޖެހިގެން އައި ދުވަހު އެ ފައިސާއިން ގާތްގަނޑަކަށް 700,000 ރުފިޔާ ކެންގޯއިން އެކި ފަރާތްތަކަށް ދޫކޮށްފައިވެއެވެ.

މީގެއިތުރުން، ޑީ އެންޑް ވީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 16 އޭޕްރީލް 2024ގައި ދެ މުޢާމަލާތަކުން 9.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ. މި ފައިސާ ވެސް ކެންގޯ ކުންފުންޏަށް ބަދަލުކުރުމަށްފަހު، ޖެހިގެން އައި ދެ ދުވަހުގެ ތެރޭގައި 750,000 ރުފިޔާ އެކި ފަރާތްތަކަށް ދޫކޮށްފައިވެއެވެ. ޑީ އެންޑް ވީ އިންވެސްޓްމަންޓަކީ މަޖިލީހުގެ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0