ޚަބަރު

ޚިޔާނާތުގެ މައްސަލަ ސާބިތުވެ، ފެނަކަ ސަޢީދު ހަތަރު އަހަރަށް ޖަލަށް

28 ސެޕްޓެމްބަރު 2025 - 16:36
ޚިޔާނާތުގެ މައްސަލަ ސާބިތުވެ، ފެނަކަ ސަޢީދު ހަތަރު އަހަރަށް ޖަލަށް
ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދު -- ފޮޓޯ: ވިރާސީ

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދުގެ މައްޗަށް ކުރެވުނު ޚިޔާނާތުގެ ދަޢުވާ ސާބިތުވާކަމަށް ނިންމައި ހަތަރު އަހަރު ދުވަހުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސަޢީދުގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ 2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިނގި މައްސަލައެއް ގައެވެ. މި މައްސަލައިގައި ބްލޭޒަން އިންކުން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ނުކޮށް، އެ މަސައްކަތަށްވާ ފައިސާ ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދިންކަމަށް ތުހުމަތު ކުރެވުނެވެ.

މި މައްސަލައާއި ބެހޭ ގޮތުން ސަޢީދު ވިދާޅުވީ މި ދަޢުވާއަކީ ސިޔާސީ ދަޢުވާއެއް ކަމަށެވެ.

ސައީދުގެ އިތުރުން އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދަޢުވާކުރެވުނު. މި މައްސަލާގައި ދައުލަތަށް އަށް ލައްކަ ސާޅީސް އަށް ހާސް ރުފިޔާގެ ގެއްލުން ވެފައިވާކަމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބުނެފައިވެއެވެ. މި މައްސަލައިގެ ދަޢުވާ ކޯޓަށް ހުށަހަޅާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހުއެވެ. 

ކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށެވެ. މި ޙުކުމާއެކު ސަޢީދު ޖަލަށް ލުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައަކީ ދައުލަތުގެ މުއައްސަސާތަކުގައި ހިނގާ ކޮރަޕްޝަނާއި ޚިޔާނާތުގެ ޢަމަލުތަކާ ގުޅިގެން ފާއިތުވި އަހަރުތަކުގައި ތަޙުޤީޤުކުރެވުނު އެތައް މައްސަލައެއްގެ ތެރެއިން އެއް މައްސަލައެވެ. ފެނަކަ ހިނގުމުގައި ސަޢީދު ހުރި ދުވަސްވަރު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު އެތައް ބޮޑެތި މައްސަލަތަކެއް އޭސީސީން މިހާރުވެސް ދަނީ ތަހުޤީޤު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0