ޚަބަރު

ކައުންސިލް އިންތިޚާބާއި ދިމާކޮށް ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ރައީސް ނިންމަވައިފި

28 ސެޕްޓެމްބަރު 2025 - 15:51
ކައުންސިލް އިންތިޚާބާއި ދިމާކޮށް ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ރައީސް ނިންމަވައިފި
ފޮޓޯ: ވިރާސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް މަދު ދުވަސްކޮޅަކަށް ވެފައި އޮއްވާ ސިވިލް ސާވަންޓުންނާއި ޖުޑީޝަރީ އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.

ރައީސް ކުރެއްވި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ޕޭ ހާމަނައިޒޭޝަންގެ ދަށުން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންނާއި އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން  ކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ "ކުރިންވެސް ދަންނަވާފައިވާ ފަދައިން، މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ" ކަމަށް ވިދާޅުވެފައެވެ.

މި ނިންމުން މިވަގުތު އިޢުލާންކުރެއްވުމާއެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މި ނިންމުން ނިންމަވާފައިވާކަމަށް ބެލެވޭނެ ޖާގަ އޮތް ނަމަވެސް މިއީ ކުރިން ރޭވިފައިވާ ޕްލޭނެއްގެ ދަށުން ކުރިއަށްގެންދާ ކަމެއް ކަމަށާއި މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް މިވާހަކަ ދަންނަވާފައިވާނެކަމަށް ރައީސްގެ ޕޯސްޓުގައި ބުނެފައިވެއެވެ.

މުސާރައިގެ ކުރިއެރުން ލިބޭ މުވައްޒަފުންގެ ޢަދަދާއި މުސާރަ ބޮޑުކުރެވޭ މިންވަރު އަދި ހާމަކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް މި ބަދަލާއެކު ގިނަ ސަރުކާރު މުވައްޒަފުންނަށް މާލީ ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި ރައީސްގެ މި ނިންމެވުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުސީދާ ނުފޫޒެއް ފޯރުވުމަށް ނިންމެވި ނިންމެވުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ސޯޝަލްމީޑިއާގައި ޚިޔާލު ފާޅުކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0