ދައުލަތުގެ ފައިސާއެއްގައި ނުޖެހެން, އޮޑިޓް ރިޕޯޓަކީ ބޮލުގަ ވައްކަން އަޅުވަން ފަހާފަ އޮތް ކޯޓެއް: ސަޢީދު
ދައުލަތުގެ މާލިއްޔަތު ޤަވާއިދުން ބޭރުން ބިލިއަނަކަށްވުރެ ގިނަ ފައިސާ ފެނަކައިން ޚަރަދުކޮށްފައިވާކަމަށް ބުނާ އޮޑިޓް ރިޕޯޓަކީ ބޮލުގަ ވައްކަން އަޅުވަން އޭނާއަށް ޚާއްސަކޮށް ފަހާފައިވާ ކޯޓެއް ކަމުގައި ފެނެކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު އޮޑިޓަރ ޖެނެރަލް އޮފީހުން ޢާއްމުކުރި މި ރިޕޯޓާއި ގުޅޭގޮތުން "ވިރާސީ" އިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ސަޢީދު ވަނީ އޮޑިޓް ރިޕޯޓުގައި ހުރި ވާހަކަތައް ދޮގުކުރައްވާފައެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުން ވަކި މަޤްޞަދެއް ހާސިލުކުރުމަށް ޓަކައި ވަކި އަމާޒަކަށް ފަހާފައި އޮތް ކޯޓެއް ޙަޤީޤީ އޮޑިޓް ރިޕޯޓް ހުންނަ ޒާތަކަށް ނޫން އެ ރިޕޯޓުގައި ގިނަ ކަންކަން ބަޔާންކޮށްފައި ހުރީކީއެއް. އެ ކަނޑައެޅިގެން އަޅުގަނޑު ބޮލުގައި ވައްކަމުގެ ތުހުމަތު އެޅުވޭ ގޮތަކަށް އަދި އެގޮތަށް އޭތި މާނަކޮށްފައި ވެސް ވަނީ." ސަޢީދުގެ މައްޗަށް ކުރެވޭ އެތައް ތުހުމަތުތަކަކީ ހަޤީޤަތާއި ޚިލާފު ކަންތައްތަކެއްގެ މައްޗަށް ކުރާ ތުހުމަަތުތަކެއް ކަމަށް ސިފަކޮށް ސަޢީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ފެނަކައިގެ އޮޑިޓް ރިޕޯޓުގައި އޭނާ ފައިސާގައި ޖެހުނުކަމަށް ތުހުމަތުކޮށްފައި ވީނަމަވެސް އެއީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި ރައްޔިތުންނަށް ހަޤީޤަތް އޮޅުވާލަން ނެރުނު ރިޕޯޓެއް ކަމަށެވެ.
"ފެނަކައިގެ ޚާއްޞަ އޮޑިޓް ރިޕޯޓް. ދެހާސް އެކާވީހުން ދެހާސް ތޭވީހަށް. ވަރަށް ބޮޑަށް ރައްޔިތުންނަށް ޙަޤީޤަތް އޮޅޭގޮތަށް ގިނަ ދޮގު މަޢުލޫމާތުތަކެއް އެކުލެވިގެންވާ ރިޕޯޓެއް އިނގޭތޯ." ސަޢީދު ވިދާޅުވިއެވެ.
ފެނަކައިގެ މި އޮޑިޓް ރިޕޯޓުގައި ސަޢީދާއި އޭނާގެ އާއިލީ ބޭފުޅުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ޕްރޮޖެކްޓްތައް ބޮޑު އަގުގައި ދީފައިވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އަދި މީގެ ތެރެއިން ފާހަގަވާާ ބައެއް ކުންފުނިތަކުގެ ވަނަވަރުވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު މިކަމާއި ގުޅިގެން ކުރެވުނު ސުވާލަށް ސަޢީދު ވިދާޅުވީ އާއިލީ އެއްވެސް ފަރާތަކަށް މަންފާ ހޯދައިދިނުމަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ހަމަ ވަރަށް ކެރިހުރެގެން މި ބުނަނީ، ފެނަކައިގެ ހެދިފައި ހުރި ޕޮލިސީތައް ޢަމަލުކުރަމުންދާ ޕޮލިސީއާ ޚިލާފަށް އެއްވެސް މީހަކަށް ކޮންޓްރެކްޓެއް ވެސް، މަސައްކަތެއް ވެސް އަދި މުދަލެއް ހޯދަން ވެސް، ޚިދުމަތެއް ހޯދަން ވެސް ކޮށްފަކައެއް ނޯންނާނެ. ހަމަ ފެނަކައިގެ ތެރޭގައި ޢަމަލުކުރަމުންދާ އިންޓަރނަލް ޕޮލިސީ ތެރެއިން ކޮށްފައި ހުންނާނީ. އަޅުގަނޑު ހަމަ ޗެލެންޖުކޮށްފައި ބުނަން އެނޫން ގޮތަކަށް ނުހުންނާނެ ކޮށްފަކައެއް އަޅުގަނޑުގެ މަޞްލަޙަތު އަޅުގަނޑުގެ ޢާއިލީ ބަޔަކަށް ގަސްދުގައި އަޅުގަނޑު މަންފާކުރަނިވިކަމެއް ކޮށްފަކައެއް ނޯންނާނެ." އޮޑިޓް ރިޕޯޓުގައި ކޮށްފައިވާ ތުހުމަތުތަކަށް މުތުލަގަށް އިންކާރު ކުރައްވަމުން ސަޢީދު ވިދާޅުވިއެވެ.
ޖުމްލަ ގޮތެއްގައި ސަޢީދުގެ މައްޗަށް ކުރެވިފައިވާ ހުރިހާ ތުހުމަތުތަކަށް ސަޢީދު އިންކާރުކޮށްފައިވާއިރު މިއަދު ކްރިމިނަލް ކޯޓުގައި ހުކުމް ކުރުމަށް ހަމަޖެހިފައިވާ މައްސަލައާއި ބެހޭ ގޮތުން ސަޢީދު ވިދާޅުވީ އެއީ ސިޔާސީ ދަޢުވާއެއް ކަމަށެވެ.
"އެއްވެސް އަސާސެއް ނެތް، ސިޔާސީ ދަޢުވާއެއް. އެ ބޭފުޅުންގެ ޓާގެޓަކަށް ވާނީ އަޅުގަނޑަށް ޖަލު ހުކުމެއް ކުރުން. އެ ޖަލު ޙުކުމް ކުރުމަށްފަހުގަ ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަމާއި އުދާސްތައް އުފެދޭނެތީވެ މިވަރު ބޮޑު ދޮގު އޮޅުވާލުންތަކެއް ރައްޔިތުންނަށް ހަމައަށް މި ގެނެސްދިނީ" އޮޑިޓް ރިޕޯޓަކީ މިއަދުގެ ހުކުމާއި ގުޅުން އޮތް ރިޕޯޓެއް ކަމަށް ސިފަކުރައްވަމުން ސައީދު ވިދާޅުވިއެވެ.






ރިއެކްޓް