އެމްޑީޕީ މުޒާހަރާއަށް ދެމި ބެނާތައް ކެނޑީ ހުއްދައަށް އެދިފައި ވަނިކޮށް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އޮކްޓޯބަރު 3، ގައި "ލޫޓުވާލައިފި" ނަމުގައި ބާއްވާ މުޒާހަރާ އިސްތިހާރު ކުރުމަށް މާލޭ މަގުމަތީގައި ދެމި ބެނާތައް ކެނޑީ ބެނާ ޖެހުމުގެ ހުއްދައަށް އެދިފައިވަނިކޮށް ކަމަށް އެ ޕާޓީން ބުނެފި އެވެ.
މިއަދު ހަވީރުން ފެށިގެން ސިޓީ ކައުންސިލްގެ މުވައްޒަފުން އަންނަނީ މާލޭ މަގުމަތީގައި ދަމާފައިވާ ބެނާތައް ނަގަމުންނެވެ. އެކަމާ ގުޅިގެން ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ ބެނާތައް ނެގީ ހުއްދަ ނުނަގާތީ ކަމަށް ބުނެފަ އެވެ. އަދި, ބެނާ ދެމީ ކޮން ބައެެއް ކަން ނޭނގޭ ކަމަށާއި އެމްޑީޕީން ވެސް އެކަމާ ހަވާލުނުވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސިޓީ ކައުންސިލް ގްރޫޕުގައި ބުނެފައިވާ މެސެޖެއް ވެސް ދަނީ ދައުރުވަމުންނެވެ.
އެކަމަށް ރައްދު ދެއްވައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) "އެކްސް"ގައި ވަނީ ހުއްދަ ނުނަގާ ކަމަށް ބުނެ ސިޓީ ކައުންސިލުން ހުއްދަ ނަގައިގެން އެކަން ކުރިއަށް ގެންދިޔުމަށް އެދި ފޮނުވާފައިވާ ސިޓީ އާންމުކުރައްވައިފަ އެވެ. އެ ސިޓީ ފޮނުވާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
ހަމަ އެ ދުވަހު ހުއްދައަށް އެދި އެމްޑީޕީން ސިޓީ ކައުންސިލަށް ފޮނުވި ސިޓީ އާންމުކޮށްފަ އެވެ. އެ ސިޓީގައި ވަނީ މުޒާހަރާއާ ގުޅިގެން ބެނާތައް ދެމުމުގެ ހުއްދައަށް އެދިފަ އެވެ. އެ ސިޓީ ވެސް އިބުރޭ އާންމު ކުރެއްވި އެވެ.
އެއާއެކު އިބްރޭ ވަނީ އެމްޑީޕީން ހަވާލު ނުވާ ކަމަށް ބުނެފައިވަނީ ކޮން ގޮތަކަށްތޯ ކޮން ބޭފުޅަކު ބުނެގެންތޯ ސުވާލު އުފައްދައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ދުވަހު ހުއްދައަށް އެދުނު ނަމަވެސް އަދި އަދަށް ވެސް ހުއްދަ ދީފައިނުވާ ކަމަށް ވެއެވެ. މާލޭ ސިޓީ ކައުންސިލުގެ މެންބަރުންގެ ސުޕަމެޖޯރިޓީ އޮންނަނީ ވެރިކަންކުރާ ޕީއެންސީގައެވެ.
މި މައްސަލާގައި މި ވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެމްޑީޕީ ހިމެނޭހެން ހުރިހާ ޕާޓީތަކުން ވެސް ސިޔާސީ ހަރަކާތް ހިންގަން ހުރަސް އެޅިގެން ނުވާނެ ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން ބެނާ ހަރުކުރެވެން ޖެހޭނެ ކަމަށާއި އެކަމުގައި އަމިއްލަފުޅަށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.






ރިއެކްޓް