ޚަބަރު

ފެނަކައިން 3 އަހަރުތެރޭ ބިޑަށް ނުލައި 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކުރި

26 ސެޕްޓެމްބަރު 2025 - 16:11
ފެނަކައިން 3 އަހަރުތެރޭ ބިޑަށް ނުލައި 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކުރި
ފެނަކައިގެ ކުރީގެ އެމްޑީ ސައީދު - ފޮޓޯ: ވިރާސީ

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް, ފެނަކަ ކުންފުނިން ބީލަމުގެ އުސޫލުން ބޭރުން ބިޑު ކުރުމެއް ނެތި 1.3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހަވާލުކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުތަކުން ހާމަވެއްޖެ އެވެ. 

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އާންމުކުރި ރިޕޯޓުން ދައްކާ ގޮތުގައި ކަރަންޓް ކޭބަލާއި ޖަނަރޭޓަރު ސެޓާއި ޓްރާންސްފޯމަރު ގަތުމަށާއި ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ގަތުމަށް ތިން އަހަރު ތެރޭގައި 673 ޕްރޮޖެކްޓެއް ހަވާލުކުރިއިރު, އޭގެ ތެރެއިން 438 މަސައްކަތެއް ހަވާލުކޮށްފައިވަނީ ބިޑު ކުރުމެއް ނެތި އެވެ. 

މުދަލާއި ހިދުމަތް ހޯދުމުގެ ގާނޫނުގައިވާ ގޮތުން ހިދުމަތުގެ އަގު 225,000ރ އަށް ވުރެ އިތުރުނަމަ, އެ ހިދުމަތެއް ހޯދަން ޖެހޭނީ ބީލަމަށް ހުޅުވާލައިގެންނެވެ. 

ބީލަމުގެ އުސޫލުން ބޭރުން އެ މަސައްކަތްތައް ހަވާލުކުރީ 1.3 ބިލިއަން ރުފިޔާއަށް ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ކަރަންޓު ކޭބަލް ގަތުމަށެވެ. ކޭބަލް ގަތުމަށް ބީލަމުގެ އުސޫލުން ބޭރުން 544 މިލިއަން ރުފިޔާ އެކި ކުންފުނިތަކަށް ދީފައިވާއިރު, ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް އުސޫލާ ހިލާފަށް 491 މިލިއަން ހަރަދުކޮށްފައިވެ އެވެ. ބާކީ ހަރަދުކޮށްފައިވަނީ ޖެންސެޓު ގަތުމަށާއި ޓްރާންސްފޯމަރު ގަތުމަށެވެ.

ރިޕޯޓުގައި ވަނީ ބީލަމުގެ އުސޫލުން މަސައްކަތް ހަވާލުކުރި ކުންފުނިތަކާއި އަދަދުތައް ވެސް ހާމަކޮށްފަ އެވެ. އެގޮތުން, އެންމެ ބޮޑު އަދަދެއް ދީފައިވަނީ "ސާސޭ" ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.

ފެނަކައިގެ އޮޑިޓް ރިޕޯޓު އާންމުކޮށްފައިވާއިރު މި ނޫން ވެސް ގިނަ އަދަދެއްގެ މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ޖަނަރޭޓަރު ސެޓުތައް ގަތުމުގަޔާއި ފެނާއި ނަރުދަމާ ގާއިމް ކުރުމާއި ފެނަކައިގެ ތެރެއިން އިންހައުސްކޮށް ހަވާލުކުރި ގިނަ މަޝްރޫރުތަކެއްގައި ވެސް ގިނަ މައްސަލަތައް ހުރިކަން ތަފްސީލްގޮތެއްގައި ފާހަގަކޮށްފައިވެ އެވެ.  

ފެނަކައިގެ ތެރޭގައި ގިނަ މައްސަލަތަކެއްގެ ތުހުމަތު އަމާޒުވެ. އެ މައްސަލަތައް ކުރީ ސަރުކާރުގެ ދުވަސްވަރު އެންޓިކޮރަޕްޝަން ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ. ނަމަވެސް އޭރު އެއްވެސް ފިޔަވަޅެއް އަޅާފައިނުވެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0