މީޑިއާ ކޮންޓްރޯލް ޤާނޫނު އުވާލުމަށް އދ. އިން ގޮވާލައިފި
މީޑިއާތައް ކޮންޓްރޯލުކުރުމަށް ރާއްޖޭގައި މިފަހުން ފާސްކޮށް ތަސްދީޤުކޮށްފައިވާ މީޑިއާަ ކޮންޓްރޯލް ޤާނޫނު އުވާލުމަށް އދ. ގެ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ވޮލްކަރ ޓާކް ގޮވާލައްވާފައެވެ.
ވޮލްކާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީޑިއާ ކޮންޓްރޯލް ޤާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުޢާހަދާއެއް ކަމަށްވާ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް އާއި ތަޢާރުޒުވާ ޤާނޫނެއް ކަމަށެވެ.
"މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނަކީ، ދިވެހިރާއްޖެއިން އެއްބަސްވެފައިވާ މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާއާ ޚިލާފު އުސޫލުތަކެއް ޤާއިމުކޮށް، މީޑިއާގެ ކޮންޓެންޓްތަކާއި، ނޫސްވެރިންނާއި، މީޑިއާގެ މަސައްކަތްތެރިންނަށް ވަރަށް ބޮޑަށް ދަތިތައް ކުރިމަތިކުރުވާނެ ޤާނޫނެއް،"އދ. ގެ އިންސާނީ ހައްޤޫތަކާއި ބެހޭ އެންމެ އިސް ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިދިޔަ އޮގަސްޓު 27 ގައި މަޖިލީހުން ބިލު ބަލައިގަތް ހިސާބުން ފެށިގެން ބައިނަލްއަޤްވާމީ އިދާރާތަކުން ވަނީ މި ޤާނޫނާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އދ. ގެ އިތުރުން ޔޫރަޕިއަން ޔޫނިއަން، އެމެރިކާ އަދި އިނގިރޭސިވިލާތުން ވެސް ވަނީ މި ޤާނޫނާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް)، އަދި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް ވަނީ މި ޤާނޫނު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.
އެހެންނަމަވެސް، މި ޤާނޫނުގެ ދިފާޢުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކޮށްގެން ބޭރު ޤައުމުތަކަށް މުއިއްޒު ސަރުކާރުގެ ވަފުދެއް އަންނަނީ ދަތުރުކުރަމުންނެވެ. އަދި ވަޒީރުންނާއި، މަޖިލިސް މެންބަރުން އަދި ޓެކްސް ފައިސާއިން ބޮޑެތި މުސާރަ ނަގާ ސިޔާސީ މުވައްޒަފުންނަށް ވެސް ވަނީ މި ޤާނޫނުގެ ދިފާޢުގައި ވާހަކަދެއްކުމަށް އަންގާފައެވެ.
އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ވަނީ މި ޤާނޫނު އަނބުރާ ގެންގޮސް، ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތް މީޑިއާ ރިފޯމް ޤާނޫނެއް އެކުލަވާލުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅުއްވާފައެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ބުރޫއަރާތީ ބޭރުގެ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ނުބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.






ރިއެކްޓް