ކޮލަމް

ދޫ ބަންދުކޮށް ރައްޔިތުންނަށް ދިން ހައްގު މިންވަރު

28 ސެޕްޓެމްބަރު 2025 - 09:51
ދޫ ބަންދުކޮށް ރައްޔިތުންނަށް ދިން ހައްގު މިންވަރު
އާޓްވޯކް: ވިރާސީ

“ފުރިހަމަ ޖުމްހޫރީ ވެރިކަމެއްގައި އޮންނާނީ ރައްޔިތުންގެ ބާރުތައް”

މިއީ 1968 ގައި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކުރިން އެެއިރުގެ ތިބި ވެރިން ކިޔަމުން އައި ވާހަކަ ތަކެވެ. މި ވާހަކަ ދައްކާތާ 40 އެއްހާ އަހަރު ފަހުން އެ ކިޔާ ބާރުވެރިކަމުގެ އިހުސާސް ކޮންމެވެސް މިންވަރެއްގައި ރައްޔިތުންނަށް އިހުސާސް ކުރެވެން ފެށި އެވެ. ހިޔާލު ފާޅު ކުރުމުގެ މިނިވަން ތަންމިނަށް ހުޅުވި ޒަމާނީ ދިމާކްރުތާ ނިޒާމަކަށް ބަދަލުވެ ރައްޔިތުންގެ ބާރު ނުހަނު ފުރިހަމައަށް ނިޒާމުގެ ތެރެއަށް ހިނގައިގަތެެވެ.

މި އިސްލާހީ އިންގިލާބު ގައުމަށް ގެނެވުނީ، އެތައް ބައެއް ޖަލުގެ ކުޑަ ގޮޅީގެ އަނދިރިކަން ތަޖުރިބާކޮށްގެނެވެ. ލިޔާ މަޒުމޫނަކުން ނުވަތަ ފާޅުކޮށްލާ ހިޔާލަކުން އަނބި ދަރީން ދޫކޮށް މާ ދުރުގައި ހުރި ރަށްތަކަކަށް އަރުވާލެވިގެންނެވެ. ކޮންމެ ފަސް އަހަރަކުން ވޯޓު ލާން ދިޔައިމާ، ކޮއްކޯއޭ ތީގަ ޖަހާނީ ހެޔޮ ފާހަގައޭ ބުނި ބުނުން ވެސް ގިނަ ބަޔަކު ތަޖުރިބާކޮށްފި އެވެ. 

ގިނަ ޕާޓީ އެކުލެވޭ ވެރިކަން ހިންގުމުގެ ނިޒާމް “މަލްޓި ޕާޓީ ޑިމޮކްރެޓިކް” ވެރިކަމެއްގެ ގޮތުގައި އޮންނަތާ ޒަމާން ގަރުނަކަށް ވުރެ ހެޔޮ ދުވަސް ވެއްޖެ އެވެ. ފެހި ގާނޫނުގައި އަސާސީގައި ކަޅު ދެލިން ލިޔެވިފައިވާ ގޮތަށް އޮވެރިކަމުގެ ބާރުފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި ވެރިކަމުގެ ބާރުވެރި ފަރާތަކީ ރައްޔިތުން ކަން ސިޔާސީ މުފައްކިރުންނާއި ގަދަރުވެރިން ކަންކަން މަތީ ކިޔާތާ ވެސް ޒަމާން ތަކެއް ވެއްޖެއެވެ.  

އެހެނަސް، އެ ބާރުވެރިކަން ރައްޔިތުންނަށް ލިބުނީ ކޮން މިންވަރެއްގައި ކަން އަދި ކިހާ ފުރިހަމަކޮށް ކަމެއް އިހުސާސްވީ ކިތައް ރައްޔިތުންނަށް ހެއްޔެވެ؟ 

މިއަދު މި ގައުމުން ފެންނާން އޮތް ހަގީގަތަކީ ގޮނޑީގެ އަޅުންނާއި ސިޔާސީން ވެގެން ރައްޔިތުންގެ ބާރު އެއްކޮށް ހަނިކޮށްފައިވާ ކަމެވެ. ރައްޔިތުންގެ ބާރު ރައްޔިތުންގެ ކިބައިން 'އ' އިން 'ޔ' އަށް މުޅިންހެން ގެއްލުވާލައިފި އެވެ. 

ރައްޔިތުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާގެ މަޖިލީހަށް ވެއެޖެއެވެ; ވެރިކަން ދިފާއުކޮށް އެ ވެރިކަން ދަމައްޓާ، ވެރިމީހާ އަށް ސަނާ ކިޔުން ނޫން ކަމެއް އެ މަޖިލީހަކުން ނުކުރެ އެވެ. ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ފަދައެއް ނެތެވެ. މިކަމަށް ސުވާލެއް ކޮށްފި އެ މެމްބަރެއް ބާކީވެދެއެވެ. ކިތަންމެ ރުޅިއަޔަސް ހިންހަމަ ނުޖެހުނަސް ހައްގަށް ބަހެއް ބުނާ ހިސާބުން އެ މެމްބަރެއް ރަމްޒީ ވެދެއެވެ. 

ރައްޔިތުން އެ ރައްޔިތުންގެ މަޖިލީހަށް ހޮވާ މެންބަރާއި މެދު އެ ރައްޔިތުން ފުންކޮށް ވިސްނާން އެބަޖެހެ އެވެ. އެތަނަށް ވައްދާ ބައެއް އިއްޒަތްތެރީންނަކީ މި ނިޒާމު ނޭނގޭތާ ސިޔާސީ ވެސް ނޭނގޭ މެމްބަރުންނެވެ. ދުނިޔޭގެ އާޖު ފާޖު ނޭނގި ބިޒްނަސް ކުލާހާއި ވީއައިޕީގައި ކައިލުމުގެ ފުރުސަތު ލިބުނީމާ ވީއެވެ. އަވަށްޓެރި ސިލޯނާއި ތައިލެންޑްގެ ބެންކޮކް ފިޔަވައި ފެނުނު ތަނެއް ނެތެވެ.

މީ ގާނޫނު ހަދާ މަޖިލިސްގެ މެމްބަރުންގެ ހާލެވެ. އަތުން ހަން ދާންދެން އަތް ޖަހަން ވީތޯ ބާރަށް ސަނާ ކިޔަން ވީތޯ އަދަކު ނޭނގުނެވެ. ފާސްކުރާ ގާނޫނަކަށް އިސްލާހު ކުރާ ގަވާއިދަކަށް ރައްޔިތުންގެ ބައިވެރި ވުމެއް އޮތީ ކިހާ މިންވަރަކަށް ކަމެއް ދެނަހުރި ރައްޔިތެއް ނެތެވެ. ހައްގަށް ބަސްބުނަނީ ހަމައެކަނި ވެރިކަމުގެ ހިޔަލުގައި ތިބޭ މީހުންނަށް ބަދަލުވެ ނުރުހުމުގެ ބަސް ބުނާ ރައްޔިތުންނަށް ޣައްދާރުންގެ ލަގަބު ލިބެއެވެ. އިންތިޙާބު ވާ ޕާޓީގެ އަސާސްތަކާއި އުސޫލުތައް ރައްޔިތުންގެ މިނިވަން ކަމަށް ވުރެ ބޮޑުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިންނަވާ ކޮންމެ މެންބަރަކީ ރައްޔިތުން ގެ ބާރު ދައުލަތެއްގެ ތެރޭގައި ދެމެހެއްޓުމަށް އިންތިހާބު ކުރެވޭ ބައެކެވެ. މަޖިލިސް ކުރާގޭގެ ހަތަރު ފާރުން އެތެރޭގައި އަމިއްލަ މަސްލަހާތާއި ވެރިންގެ މަސްލަހަތެއް އޮންނާކަށް ނުޖެހޭނެ އެވެ. އޮވެގެން ވެސް ނުވާނެ އެވެ. އެއީ ރައްޔިތުންގެ ގެ އެވެ. ހިނގަންވާނީ ރައްޔިތުންގެ ބަހެވެ. 

އަދުގެ މެންބަރުންނަށް ވެސް އިހުސާސް ނުވާ ކަމަކީ މިއަދު އެ މެންބަރުން ފާސްކުރާ ބިލުތައް އެބޭފުޅުންގެ ދައުރު ހަމަވެ އަލުން އިންތިހާބު ނުވެއްޖެނަމަ ބޮޑު ގޯހަކަށް ވާނެކަމެވެ. އާޚިރުގައި ވެެގެން ދަނީ އަމިއްލަ ކަރުގައި އެޅޭ މަޅިއަކަށެވެ. މިއަދު ކަން އޮތް ގޮތުން ހައްގަށް ބަސް ބުނުމާއި ހިޔާލު ފާޅުކުރަން "ޖެހެނީ" އެއިރެއްގަ އޮންނަ ސަރުކާރަކަށް ތާއީދު ކުރާ ބައެކެވެ. ހައްގު އޮންނަނީ ވެސް އެ މީހުންގެ އެވެ

މީގެއިން ކަމަކާ ސުވާލު އުފައްދައިފިނަމަ އެވީ ރައްޔިތުންގެ މަޖިލިސް ގެ އިމްތިޔާޒަށް އަރައިގަތުން ކަމަށެވެ. އެކަމަކު ބިލު ހެދުމާއި ފާސްކުރުމާއި، ދިރާސާ ކުރުން އެއީ މަޖލިސް ގެ ބާރުކަން ނުދަންނަ ރައްޔިތެއް މިގައުމުގައި ނުތިބޭނެއެވެ. ހާއްސަ ޖަލްސާ އަކަށް ވިޔަސް ކަން ކުރަން ޖެހޭ އުސޫލެއް އޮންނާނެ އެވެ. ނެތިއްޔާ ހެދުން ވެސް މަތިވަނީ ރައްޔިތުންގެ މަޖިލިސް އަށެވެ. ތަޅުމުގައި ބަހުސް ކުރަމުން ޝުކުރު ސަނާ ކިޔަންވީ ވެރިންނަކަށް ނޫނެވެ. ދެއްކެނީ ކޮން ވާހަކައެއްކަން، ބުނެވެނީ ކީކޭ ކަން އެގެން ޖެހެއެވެ. އެ

އެހެންނަމަވެސް, މިއަދު ވެރިކަމުގެ ނިޒާމުން ރައްޔިތުންނަށް ވަނީ ފައިދާކަމެއް ގެއްލުން ކަމެއް ބުނެދޭން ނޭނގޭ ހިސާބަށް ކަންކަން ހިގައި ގޮސްފިއެވެ. ބާކީ އޮތް ބަސްބުނުމުގެ ހައްގާއި ލިޔުމުގެ ހައްގުވެސް ގެއްލި ދިޔައީއެވެ.

އުނދަގޫ ވަންޏާ އެ ވާ އުނދަގުލުގެ ވާހަކަ ދެއްކޭނެ އެވެ. ތަދު އިހުސާސް ކުރެވެންޔާ ވާ ތަދުގެ ވާހަކަ ބުނެވޭނެއެވެ. ނަމަވެސް މިއަދު މިޖެހުނީ އެ ވާހަކަވެސް ނުދައްކާ ގިލަން ވެރިކަމެއްގައި އުޅޭށެވެ. ކެޔޮގަނޑު ކަޑާލީމާ ގަހުގެ ބޭނުން ކެޑޭހެން އިންތިޙާބު ނިމުނީމާ ރައްޔިތުންގެ ބޭނުން ކެނޑުނީ އެވެ.

މިޔަކީ ޑިމޮކްރަސީ ކަމުގަައި ވަނީ ނަމަ ނޯރތު ކޮރެއާ ގައި ހިނގަނީ ފުރިހަމަ ޑިމޮކްރެޓިކް ވެރިކަމެކެވެ. ހަމަގައިމުވެސް ލޮލަށް މިފެންނަނީ އަވާ މެންދުރެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުން ދަައުރުން ބޭރުން "ހާއްސަ" ޖަލްސާއެއް "ހާއްސަ" އުސޫލަކުން ބިލެއް ފާސް ކުރީ އެ "ހާއްސަ" ބިލާއި އެ "ހާއްސަ" ޖަލްސާގެ ވާހާކަ ވެސް ރައްޔިތުންނަށް ނުދޭއްކޭނޭހާ ފުރިހަމަ އަށެވެ.

ހަނިވީ ރައްޔިތުންގެ ބާރެވެ. ގަދަވީ ވެރިމީހާގެ ބާރެވެ. ހައްގު ލިބުނީ ވެރިމީހާއަށް ސަނާކިޔާ މިހުންނަށެެވެ.

އިންސާފުގެ ތަރާދުން މިނާ މިނުން ބަދަލުވެ އެއިރެެއްގައި ވެރިއަކަށް ހުންނަ ވެރިމިހާއަށް ތާއީދު ކޮށް އަޑު އުފުލާ މިީީހުންނަކީ ހަމައެކަނި ރައްޔިތުން ކަމުގައި ވެދެ އެވެ. އަބަދުވެސް ސަރުކާރު ފަޅިއަކީ ރައްޔިތުންގެ ފަޅިއަަށްވެދެ އެވެ. ހަގީގަތް ފެންނާނީ ވިސްނާ ފިކުރު ކުރާ ބަޔަކަށެވެ; ރަށްރަށުގައި ކަރަންޓެއް ނެތެވެ. ބޯލާނެ ސާފު ފެން ނެތްތަނުގައި ފާހާނާ ކޮށްލެވޭނެ ފަދަވެސް ނެތެވެ. ދައްކާލާނެ ޑޮކްޓަރެއް, ކާލާނެ ބޭސް ގުޅައެއް ނެތެވެ. އާމްދަނީ ހޯދާލާނެ ފަދަ ނެތްތަނުގައި މިވާހަކަ އާންމު ތާކު ދެއްކޭނެ ހުއްދަވެސް އެވެރިން ދިނިއްޔާ ނޫނީ ލިބޭން މިއަދަކު ނެތެވެ. 

އަދިވެސް ވެރިންނަށް ސަނާ ކިޔުން އާދަ ކުރަން ވީތޯ ނޫނީ ރައްޔިތުންގެ ބާރު ގަދަ ކުރާނީ ތޯ ގޮތް ނިންމާނީ ރައްޔިތުންނެވެ. ވެރިން ދިން މިންވަރެއްގެ ބާރަށް ރުހިގެން ތިބޭނީތޯ އެ ބާރު އޭގެ އެންމެ ފުުރިހަމައަށް ނިންމާނީތޯ ވެސް ހަމަ އެ ރައްޔިތުންނެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0