ޚަބަރު

ރާއްޖެއަށް އިތުރަށް ލޯނު ލިބުން ދަތިވެދާނެ: ނަޝީދު

22 ސެޕްޓެމްބަރު 2025 - 21:03
ރާއްޖެއަށް އިތުރަށް ލޯނު ލިބުން ދަތިވެދާނެ: ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ: ވިރާސީ

ރާއްޖެއަށް ކުރިއަށް އޮތް ތަނުގައި ލޯނު އެހީ ލިބުން ދަތިވާނެ ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖެއަށް ދަރަނިތައް އަދާކުރެވޭނެ ކަމުގެ ޔަޤީންކަން ބޭރުގެ އިންވެސްޓަރުންނަށް ކުޑަވެފައިވާ ކަމަށާއި މީގެ ސަބަބުން ދަރަނި ނެގުމުގެ ޚަރަދުތައް އިތުރުވެ، ރާއްޖެއަށް ފައިސާ ހޯދުން އުނދަގޫ ވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއިން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކް ބޮންޑް އަންނަ އަހަރުގެ އޭޕްރިލް 8 ގެ ކުރިން ދައްކަން ޖެހޭނެ ކަމަށާއި ރައީސް މުޢިއްޒުގެ ސަރުކާރުން މި އަދަދަށް އައު ބޮންޑެއް ވިއްކައިގެން މި ބޮންޑް ބަދަލުކުރަން މަސައްކަތް ކުރުން އެކަށީގެންވާ ކަމަށެވެ.

ނަމަވެސް އެކަން އެގޮތަށް ކުރެވިދާނެކަމަށް ޤަބޫލުނުކުރައްވާކަމަށް ވިދާޅުވަމުން ނަޝީދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ މާލީ ހާލަތު ދަށްވެފައިވާތީ، އިންވެސްޓަރުން މިފަދަ ބޮންޑެއް ގަންނާނެ ކަމާމެދު މާހިރުން ޝައްކުކުރެއެވެ. އަދި މިހާރު ވިއްކާފައިވާ ސުކޫކް ބޮންޑްގެ އަގު 70 އިންސައްތައަށްވުރެ ބޮޑަށް ދަށްވެފައިވަނީ ރާއްޖެއިން ދަރަނި އަދާކުރެވޭނެކަމާމެދު އިންވެސްޓަރުން ކަންބޮޑުވެއެވެ.

އަދި ރާއްޖެއިން ދައްކަންޖެހޭ ފައިސާ ނުދެއްކި "ޑީފޯލްޓް" ވެދާނެ ކަމަށް އިޤްތިސާދީ ބައެއް މާހިރުން އިންޒާރުދޭ ކަމަށްވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިހާރުވެސް ފިޗާއި މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށްފައިވަނީ ދަރަނި ބެލެހެއްޓުމުގެ ޤާބިލުކަމާމެދު އިތުބާރު ކުޑަވެފައިވާތީ ކަމަށާއި ގިނަވެފައިވާ ދަރަނީގެ ސަބަބުން، ސަރުކާރުން އިޤްތިޞާދީ އަދި މާލީ އިޞްލާޙުތަކާއި ދަރަނި ބެލެހެއްޓުމަށް ވަރުގަދަ ޕްލޭނެއް އޮތްކަން ސާބިތުކޮށްނުދޭހާ ހިނދަކު ރާއްޖެއަށް އިތުރަށް ފައިސާ ލިބުން ދަތިވާނެކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0