ޚަބަރު

ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސް

ޖުލައި 3, 2025 - 10:46
 0
ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސް
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް -- ފޮޓޯ: ރައީސް އޮފީސް

ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް)، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނިކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ސްޕެއިންގެ ސެވީލްގައި ކުރިއަށްދާ ފައިނޭންސިން ފޮ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގްވާމީ ކޮންފަރެންސް (އެފްއެފްޑީ4) ގެ ތެރެއިން ބޭއްވުނު "ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސް" އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކަކީ ހިންގުމުގެ ފެންވަރު ދަށްވެގެން ދިމާވެފައިވާ މައްސަލަތަކެއް ނޫން ކަމަށެވެ. އެއީ ދުނިޔޭގެ މާލީ ނިޒާމުގެ ތެރޭގައި ހުރި އަސާސީ މައްސަލަތަކުގެ ސަބަބުން ދިމާވެފައިވާ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުދި ޖަޒީރާ ގައުމުތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ މުހިންމު މާލީ އިސްލާހުތަކަކަށް ނައިބު ރައީސް ވަކާލާތުކުރެއްވިއެވެ. މީގެ ތެރޭގައި "ފިސްކަލް ސްޕޭސް" އެއް ތަރައްގީކުރުމާއި، ކޮންސެޝަނަލް ލޯނު ނުވަތަ އާންމު ލޯނުތަކަށްވުރެ ފުރިހަމަ އުސޫލުތަކެއްގެ ދަށުން ދޫކުރެވޭ ލޯނު ހޯދުމަށް އިލްތިމާސްކުރެއްވިއެވެ. އަދި މި ގައުމުތަކަށް ދަރަނީގެ ދެމެހެއްޓެނިވި އަދި މެނޭޖްކުރެވޭނެ ޕޯޓްފޯލިއޯއެއް އުފެއްދުމަށްވެސް ގޮވާލެއްވިއެވެ.

ސިޑްސް ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސްއަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވިއެވެ. އަދި މިފަދަ ޚިދުމަތެއްގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށް ބާރުއަޅުއްވައި، ކުދި ޖަޒީރާ ގައުމުތަކަށް ޚާއްސަ ހައްލުތަކެއް ހޯދައި، ދޭސީ އީޖާދީ އުފެއްދުންތެރިކަން ކުރިއެރުވުމަށް ފުރުސަތު ފަހިވާނެކަން ފާހަގަކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0