ދުނިޔެ , ސިޔާސީ , ޚަބަރު

ތައިލޭންޑުގެ ބޮޑުވަޒީރު ސަސްޕެންޑްކޮށްފި

ބޮޑުވަޒީރު ސަސްޕެންޑުކުރީ ކެމްބޯޑިއާގެ ސިޔާސީ ލީޑަރަކަށް ފޯނުން ގުޅައި ދެއްކި ވާހަކައަކާއި ގުޅިގެން

ޖުލައި 1, 2025 - 18:29
 0
ތައިލޭންޑުގެ ބޮޑުވަޒީރު ސަސްޕެންޑްކޮށްފި
ތައިލެންޑުގެ ބޮޑުވަޒީރު-- ފޮޓޯ: ސޯޝަލްމީޑިއާ

ތައިލޭންޑާއި ކެމްބޯޑިއާއާ ދެމެދު ޑިޕްލޮމެޓިކް މައްސަލަތަކެއް ހިނގަމުންދަނިކޮށް، ކެމްބޯޑިއާގެ ކުރީގެ ސިޔާސީ ލީޑަރަކާއެކު ކުރި ފޯނު މުޢާމަލާތެއް ލީކުވުމާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނާވަތްރާ ވަގުތީގޮތުން މަޤާމުން ސަސްޕެންޑްކޮށްފިއެވެ.

38 އަހަރުގެ ޝިނާވަތްރާ ވޭތުވެދިޔަ 10 މަސްދުވަހު އަދާކުރަމުން އައި ބޮޑުވަޒީރުކަމުގެ މަޤާމުން ސަސްޕެންޑްކޮށްފައިވަނީ، ނިމިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ކެމްބޯޑިއާގެ ކުރީގެ ސިޔާސީ ލީޑަރު ހަން ސެންއާއެކު ކުރި ފޯނު މުޢާމަލާތެއް ލީކުވުމާ ގުޅިގެންނެވެ. މި މުޢާމަލާތުގައި އޭނާ ހަން ސެންއާ މުޚާޠަބުކޮށްފައިވަނީ "އަންކަލް" ގެ ނަމުންނެވެ.

ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް މައްސަލަތައް އުފެދިފައިވަނީ، ޒަމާންތަކެއް ވަންދެން ދެމިގެންދާ ބޯޑަރު މައްސަލައެއް މިދިޔަ މޭ މަހު ހޫނުވުމާ ގުޅިގެންނެވެ. ލީކުވި ފޯނު މުޢާމަލާތުގައި ޝިނާވަތްރާ ވަނީ އޭނާއަށް ދާޚިލީ ޕްރެޝަރު ކުރިމަތިވެފައިވާ ކަމަށާއި، އެ ގައުމުގެ އަސްކަރިއްޔާގެ ކޮމާންޑަރުންނަކީ އިދިކޮޅު ފަރާތްތައް ކަމަށް ހަން ސެންއަށް ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ތައިލޭންޑުގެ 36 ސެނެޓް މެމްބަރުން ވަނީ ޝިނާވަތްރާ "ސުލޫކީ ހަމަތަކާ ޚިލާފުވެފައިވާ" ކަމަށް ބުނެ، އެ ގައުމުގެ ދުސްތޫރީ ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. މި ޕެޓިޝަނާ ގުޅިގެން ކޯޓުން ނިންމާފައިވަނީ މައްސަލަ ބަލައި ނިމެންދެން އޭނާ ވަގުތީގޮތުން މަޤާމުން ސަސްޕެންޑްކުރުމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0