ޚަބަރު

ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީއަށް ރައީސް ޒިޔާރަތްކުރައްވައިފި

ޖުލައި 2, 2025 - 15:04
 0
ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީއަށް ރައީސް ޒިޔާރަތްކުރައްވައިފި
ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ (ޔޫ.އާރް.އޭ) އާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް މުޢިއްޒު އެ އޮތޯރިޓީއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ ޔޫ.އާރް.އޭ.ގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް ޕްލޭނަރ އެޑެލް ޓަން ޝިއާއޯ ލިންގްއާއި ސިންގަޕޫރުގެ ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑުގެ ޑިރެކްޓަރ (ޕޮލިސީ އެންޑް ޕްރޮޕަޓީ) ސިއާ ޓްޒޭ މިންގްއެވެ. މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވަނީ ސިންގަޕޫރުގެ ދުރުރާސްތާގެ އާބަން ޕްލޭނިންގ އާ ގުޅޭ ޕްރެޒެންޓޭޝަނެއް ދައްކާފައެވެ.

މި ޕްރެޒެންޓޭޝަންގައި އަލިއަޅުވާލާފައިވަނީ ސިންގަޕޫރު ރައްޔިތުންގެ ލުއިފަސޭހައަށް އިސްކަންދޭ، ރައްކާތެރި އަދި ސްމާޓް ދިރިއުޅުމެއް އުޅެވޭނެ ސިޓީއެއް ބިނާކޮށް ދެމެހެއްޓުމަށް އެ ޤައުމުން ގެންގުޅުއްވާ ޕޮލިސީތަކުގެ މައްޗަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނި، ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ޖަވާބު ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ ޔޫ.އާރް.އޭ.ގެ ސިންގަޕޫރު ސިޓީ ގެލެރީއަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ ސިންގަޕޫރުގެ އާބަން ޕްލޭނިންގގެ އެކި މަރުހަލާތަކާއި، ސިޓީ ބެލެހެއްޓުމުގައި ކުރިމަތިވި ގޮންޖެހުންތަކާއި، އެ ކަންކަމަށް ހޯދުނު ހައްލުތަކާ ބެހޭ މަޢުލޫމާތު ހޯއްދަވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޔޫ.އާރް.އޭ އަކީ އެތަނުގެ ޑިސްޓްރިކްޓް ކޮންޒަވޭޝަން ޕްރޮގްރާމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މުއައްސަސާއެކެވެ. އަދި އެއީ ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމަށް އެކަށޭނަ ތަންތަން ތަރައްޤީ ކުރުމަށް ޚާއްޞަ ކޮށްފައިވާ ކުންފުންޏެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0