ޚަބަރު

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ރައީސް ބައްދަލުކުރައްވައިފި

ްމި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ އިބްރާހިމް ބައިވެރިވެވަޑައިގަތ

ޖުލައި 1, 2025 - 21:35
 0
ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ރައީސް ބައްދަލުކުރައްވައިފި
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުން ބޭއްވުނީ ސިންގަޕޫރުގެ މަޝްހޫރު ރިޓްޒް ކާލްޓަންގެ ގާޑަން ޕެވީލިއަންގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ސިންގަޕޫރުގައި ދިރިއުޅޭ ކޮންމެ އާއިލާއަކާ ވަކިވަކިން ބައްދަލުކުރައްވާ، އެ އާއިލާތަކާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. އަދި ދިވެހިންގެ ޝަކުވާތައް އަޑުއައްސަވައި، ބޭރު ގައުމުތަކުގައި ދިރިއުޅޭއިރު ދިމާވާ ގޮންޖެހުންތައް ރައީސްއާ ހިއްސާކުރުމުގެ ފުރުސަތު އާއިލާތަކަށް ލިބިގެން ދިޔައެވެ.

ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކޮށް، އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވުމަށްރައީސް  ހާއްސަ އިސްކަމެއް ދެއްވާ ކަމުގައި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

އަދި އެކި ބޭނުންތަކަށް ދިވެހިން އެކި ގައުމުތަކަށް ދިރިއުޅުން ބަދަލުކުރި ނަމަވެސް، ދިވެހިންގެ އަހުލާގާއި ރާއްޖޭގެ ރީތި ނަން ދެމެހެއްޓުމަށް ހާއްސަ އިސްކަމެއް ދިނުމަށް ރައީސް އެދިލައްވާ ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސިންގަޕޫރަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، ދިވެހީންނަށް ފައިދާވާނެ ގިނަ ކަންކަން ހާސިލް ކުރުމަށް މަޝްވަރާކޮށް އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ އިބްރާހިމް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގެ ބައިވެރީންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފަރީއްކޮޅެއްވެސް ދެއްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0