ޚަބަރު

ސާވިސް ޗާޖު ދިވެހި ފައިސާއިން ދިނުމަކީ ޓެކުމުގެ ޢަމަލެއް، އެކަމާ ދެކޮޅު: ޤާސިމް

ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުންނެވެ. އެހެންކަމުގައިވާ ނަމަ އެ ހައްޤު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުން

ޖޫން 18, 2025 - 23:26
ޖުލައި 1, 2025 - 00:08
 0
ސާވިސް ޗާޖު ދިވެހި ފައިސާއިން ދިނުމަކީ ޓެކުމުގެ ޢަމަލެއް، އެކަމާ ދެކޮޅު: ޤާސިމް
ގާސިމް އިބްރާހިމް -- ފޮޓޯ: އަވަސް

ރިސޯޓުތަކުގައި ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމަކީ ޓެކުމުގެ ޢަމަލެއް ކަމަށާއި، އެކަމާ ދެކޮޅު ހައްދަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު  ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ފާހަގަކުރެއްވީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ. މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމަކީ އެ މުވައްޒަފުންގެ އަތުން ފައިސާ ޓެކުމުގެ ޢަމަލެއް ކަމަށެވެ.

"ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުންނެވެ. އެހެންކަމުގައިވާ ނަމަ އެ ހައްޤު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުންނެވެ. ޑޮލަރުން ނޫންގޮތަށް މުއައްޒަފު މީހާ ސާވިސްޗާޖް ލިބުގަތުމަށް އިންކާރުކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ޙީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުޞަތު އެބައޮތް،" ޤާސިމް ވިދާޅުވިއެވެ.

ރިސޯޓުތަކުގައި ސާވިސް ޗާޖު ދެމުން އަންނަނީ ޑޮލަރުންނެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދޭން ފަށާފައިވާ ކަމަށް މުވައްޒަފުން ފާހަގަކުރަމުންދެއެވެ. މިކަމަކީ މުވައްޒަފުންނަށް ލިބޭ އާމްދަނީއަށް ނޭދެވޭ އަސަރެއް ކުރާނެ ކަމެކެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދާއިރު، މި މައްސަލައަކީ ސަރުކާރުން ވެސް ސަމާލުކަން ދޭންޖެހޭ މައްސަލައެއް ކަމަށް ފާހަގަކުރެވެއެވެ.

މިމައްސަލަ ހިލިފައިވަނީ ސަރުކާރުން ބޭރުފައިސާގެ މިންވަރެެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުކުރުމާއި ގުޅިގެންނެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުން ވަނީ ޤާނޫނުގައި ހިމަނާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0