ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސް ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަކީ ފުރަމާނަ ދަތުރުފުޅެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅު ކުރިއަށްދާނީ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި މިހާރަށްވުރެ ގުޅުން ބަދަހިކުރެވިދާނެ އެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެ ތެރޭގައި ވިޔަފާރިއާއި، ބިނާވެށި ޕްލޭންކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، ފަންނީ ހުނަރު ބަދަލުކުރުން ފަދަ ދާއިރާތައް ހިމެނެއެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އަމާޒުކޮށް އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމާއެކު، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ހަރުދަނާކޮށް، އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.
ރިއެކްޓް



