ޚަބަރު

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ޖުލައި 3, 2025 - 09:00
 0
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު (މ) -- ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރޭގެ ވަގުތެއްގައި މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާމެދު، ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޮންގާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި، ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރެވުނެވެ.

ދަތުރުފުޅުގެ ތެރޭގައި، ޤާބިލުކަން އިތުރުކުރުމާއި، ތިމާވެށީގެ ތަރައްޤީއާއި، ތަޢުލީމީ ދާއިރާ އާ ގުޅުންހުރި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވުނެވެ. މީގެ އިތުރުން، ސިންގަޕޯ ކޯޕަރޭޝަން އެންޓަޕްރައިޒާއެކު ފަހުމުނާމާއެއްގައި ސޮއިކުރެވި، ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމާއި ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާ ގުޅޭ އެއްބަސްވުންތަކުގައިވެސް ވަނީ ސޮއިކުރެވިފައެވެ.

2025 ވަނަ އަހަރަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ، މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ހަނދާނީ ސްޓޭމްޕެއް އިފްތިތާޙުކުރެވި، ދެ ޤައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލާ ޚާއްޞަ ފޮތެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގެ ރައީސަށް ހަދިޔާކުރައްވާފައެވެ.

މި ދަތުރު ތެރޭގައި ބޭއްވުނު މޯލްޑިވްސް-ސިންގަޕޯރ ބިޒްނަސް ފޯރަމްގައި، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރި ފަރާތްތަކުގެ އަގުވަޒަންކުރެވި، 2040 ވަނަ އަހަރަށް ދިވެހި ސަރުކާރުން ދެކޭ ތަޞައްވުރާ ގުޅުންހުރި އިންވެސްޓްމަންޓް ފުރުޞަތުތައް ހިއްސާކުރެވުނެވެ.

އަދި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ އިތުރުން އެ ޤައުމުގެ މުހިންމު މުއައްސަސާތަކަށް ރައީސް ޒިޔާރްތަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ފުރަތަމަ ފުރަމާނަ ދަތުރުފުޅު ވެގެންގޮސްފައިވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެތައް ދޮރުތަކެއް ހުޅުވިގެންދިޔަ މުހިންމު ދަތުރުފުޅަކަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0