ރައީސް މުއިއްޒު ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ
ރައީސް މުއިއްޒު ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ. ޖޫން 29 އިން ޖުލައި 2 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ޤައުމުގެ ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމަށް މަންފާކުރާނެ ތަރައްޤީގެ ގުޅުންތަކާއި އެކުވެރިކަން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދަތުރުފުޅުގެ ތެރޭގައި ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުގެ މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ސިންގަޕޫރުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. 50 އަހަރުވީ މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މި ދަތުރުފުޅުން މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް



