ފޯނަށް ބަލަމުން ހައިވޭގައި ސައިކަލު ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައިފި
އެމީހާ ވަނީ 2000 ރުފިޔާއިން ޖޫރިމަނާކޮށްފަ

ހުޅުމާލެ ހައިވޭގައި ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރި މީހެއްގެ ލައިސަންސް ހިފަހައްޓައި، 2،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. އަދި އޭނާގެ ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގައި ފުލުހުން ފިޔަވަޅު އަޅާފައި މިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުން އައި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯގައި ފެންނަނީ ހައިވޭގައި ސައިކަލު ދުއްވަމުން، އެއް އަތުން ފޯނު ހިފަހައްޓައިގެން، ފޯނަށް ބަލަމުން ދުއްވާ މަންޒަރެވެ. އަދި އެ ސައިކަލުގެ ފަހަތުގައި އަންހެނަކު އިން މަންޒަރު ވެސް ވީޑިއޯއިން ފެންނަން ހުއްޓެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓުން ވަނީ ތަހުގީގެއް ހިންގައި، އެ މީހާއާ މެދު ގާނޫނީ ފިޔަވަޅު އަޅާފައެވެ.
"ތިމާއާއި، މަގު ބޭނުންކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް،" ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާ ހިނގީ މިދާކަށް ދުވަސްކޮޅެއްގެ ކުރިން ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ފަހުންނެވެ. އެ އެކްސިޑެންޓުގައި ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި، އަންހެނަކަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.
ރިއެކްޓް



