މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ހޯދިއްޖެ: ރައީސް
މި މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން: ރައީސް

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް ފާހަގަކުރެއްވީ މިއަދު ފާހަގަކުރާބައިނަލްއަގުވާމީ މަސައްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހާއި ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.. މިގޮތުން ރައީސް ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ފުލުހުންނާއި އެހެނިހެން އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.
"މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ފުލުހުންނާއި އެހެނިހެން އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ކުރިއެރުންތަކެއް ހޯދިއްޖެ. މި މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން،"ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ރައީސް މުޢިއްޒު ކުރިންވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމަށްޓަކައި ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ފާއިތުވި ދުވަސްތަކުގައި މަސްތުވާތަކެއްޗާ ގުޅުންހުރި އެތައް އޮޕަރޭޝަނެއް ފުލުހުންނާއި ކަސްޓަމްސްއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިފަދަ އެތައް މައްސަލައެއްގައި ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށް، ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.
ރިއެކްޓް



