ޚަބަރު

މެލޭޝިއާގައި ކިޔަވާ ދަރިވަރުންނަށް ޓެކްސްގެ ބުރަ އުފުލަން ނުޖެހޭ ގޮތަށް ހަމަޖައްސާނަން: ހައިދަރު

މެލޭޝިއާގައި ކިޔަވާ ދަރިވަރުންނަށް ޓެކްސްގެ ބުރަ އުފުލަން ނުޖެހޭ ގޮތަށް ހަމަޖައްސާނަން: ހައިދަރު

ޖޫން 28, 2025 - 18:23
 0
މެލޭޝިއާގައި ކިޔަވާ ދަރިވަރުންނަށް ޓެކްސްގެ ބުރަ އުފުލަން ނުޖެހޭ ގޮތަށް ހަމަޖައްސާނަން: ހައިދަރު
ހައުސިންގ މިނިސްޓަރ ހައިދަރު -- ފޮޓޯ: ރައީސްއޮފީސްމެލޭޝިއާގައި ކިޔަވާ ދަރިވަރުންނަށް ޓެކްސްގެ ބުރަ އުފުލަން ނުޖެހޭ ގޮތަށް ހަމަޖައްސަން މަޝްވަރާކުރަނީ

މެލޭޝިއާގައި ތައުލީމު ހާސިލުކުރާ ބޭރު ދަރިވަރުންގެ އަތުން 6 ޕަސެންޓުގެ ޓެކުހެއް ނެގުމަށް އެ ގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެން، އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އޭގެ ބުރަ އުފުލަން ނުޖެހޭ ގޮތަށް އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގައި އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ ސޭލްސް އެންޑް ސާވިސް ޓެކްސްގެ އިސްލާހުގެ ދަށުން، އެ ގައުމުގެ އަމިއްލަ ތައުލީމީ މަރުކަޒުތަކުގައި ކިޔަވާ ބިދޭސީ ދަރިވަރުންގެ އަތުން 6 ޕަސެންޓުގެ ޓެކުހެއް ނެގުމަށް ވަނީ ނިންމާފައެވެ. މި ނިންމުމަކީ މެލޭޝިއާގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެ ގައުމުގެ ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.

ރާއްޖޭގެ މީޑިއާއަކަށް މަޢުލޫމާތުދެމުން މިނިސްޓަރު ހައިދަރު ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ދިވެހި ދަރިވަރުންނަށް ލުއިގޮތްތަކެއް ހޯދައިދިނުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މެލޭޝިއާ ސަރުކާރާއެކު މަޝްވަރާކުރެވެމުންދެއެވެ. މިގޮތުން ދިވެހި ދަރިވަރުންގެ އަތުން ޓެކްސް ނުނެގުމަށް ނޫނީ ކުޑަ ރޭޓެއް ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މެލޭޝިއާ ސަރުކާރާއެކު ކުރެވޭ މަޝްވަރާތަކުން އެކަށީގެންވާ ހައްލެއް ނުލިބިއްޖެނަމަ، ދިވެހި ދަރިވަރުންނަށް އެ ޓެކްސްގެ ބުރަ އުފުލަން ނުޖެހޭ ގޮތަށް ދިވެހި ސަރުކާރުން ކަންތައްތައް ހަމަޖައްސައިދޭނެއެވެ.

މެލޭޝިއާގެ ފިނޭންސް މިނިސްޓްރީން މި މަހުގެ 9 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އަހަރަކު 60،000 ރިންގިޓު އިން ފެށިގެން މަތިން ދަރިވަރުންގެ އަތުން ފީ ނަގާ އަމިއްލަ ތައުލީމީ މަރުކަޒުތަކުން ސޭލްސް އެންޑް ސާވިސް ޓެކުސްއަށް ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.

ރާއްޖޭއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރާ ދިވެހި ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދަނީ މެލޭޝިއާގައެވެ. މީގެ ތެރޭގައި ސަރުކާރުގެ ލޯނު އަދި ސްކޮލަޝިޕްގައި ކިޔަވާ ދަރިވަރުންނާއި އަމިއްލަ ޚަރަދުގައި ކިޔަވާ ދަރިވަރުން ހިމެނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0