ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލުން: ގެއްލުނު މީހާ އަދިވެސް ނުފެނޭ
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލުން: ގެއްލުނު މީހާ އަދިވެސް ނުފެނޭ

ކާށިދޫ ކަނޑަށް ސިވެކްގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބަންގްލަދޭޝް މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެމްއެންޑީއެފްއިން މިއަދު ހާމަކޮށްފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގި ވަގުތުން ފެށިގެން ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުންނާއި، ކޯސްޓްގާޑުގެ އުޅަނދުތަކުން ކަނޑުމަގުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.
ޖޫން 25 ވަނަ ދުވަހު މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓުގައި ތިން ސިފައިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން މީހުން ދަތުރުކުރިއެވެ. މި ހާދިސާގައި އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު ވަނީ ނިޔާވެފައެވެ.
މި ހާދިސާގައި އަނިޔާވި އެހެން ފަރާތްތަކަށް ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ. އަދި ގެއްލިފައިވާ ބަންގްލަދޭޝް މީހާ ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ރިއެކްޓް



