"ލާރި ގޮސްގެން ލާރި ލިބޭނީ"
އެއް ސްކޭމުން ގެއްލުން ވިޔަސް އަނެއް ސްކޭމަށްވެސް ފައިސާ އިންވެސްޓްކުރަން ދިވެހިން ފަހަތަކަށް ނުޖެހޭ

"ލާރި ގޮސްގެން ލާރި ލިބޭނީ" މިއީ ދިވެހިންގެ މެދުގައި ވަރަށް ޢާންމު ހަރުބަހެކެވެ. ކާމިޔާބު ވިޔަފާރިވެރިޔާ އަދި މަޝްހޫރު ޅެންވެރިޔާ "ޗަމްޕާ އުއްޗު" ދިވެހި ޒުވާނުންނަށް ދޫކޮށްލި އަގުހުރި ނަސޭހަތެކެވެ. ނަމަވެސް ދިވެހިންނަކީ ހުރިހާ ކަމެއްގައިވެސް ތަފާތު ބައެއްކަން ދިވެހިން މިވަނީ އަނެއްކާވެސް ސާބިތުކޮށްދީފައެވެ.
އުއްޗު ދިން ނަސޭހަތަކީ ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރެ އެދާއިރާގައި ކާމިޔާބު ހޯދުމަށް ދިން ނަސޭހަތެއް ނަމަވެސް ދިވެހިން ކަން ކުރީ ދިމާ އިދިކޮޅަށެވެ. "ލާރި ލިބޭނީ ލާރި ގޮސްގެންނޭ" ބުނަމުން ދިވެހިން އިންވެސްޓް ކުރީ ތަފާތު އެތައް ސްކޭމް ތަކަށެވެ. ޖެމްކިއު ފަދަ ކްރިޕްޓޯ ޕޮންޒީ ސްކޭމް ތަކަށެވެ.
ރާއްޖޭގައި އެންމެ ގިނަބައެއްގެ ދިރިއުޅުމަށް އަސަރުކުރުވި ސްކޭމްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޖެމްކިއު ނުވަތަ މަޝްހޫރު ނަމުން ބުނާނަމަ ޖީއެމްސީއެވެ. ބަޔަކު މީހުން މުއްސަނދި މަހުޖަނުންނަށް ވެގެންދިޔައިރު, އަނެއްބައި މީހުންގެ އަތުގައި ރައްކާކޮށްފައި ހުރި ހުރިހާ ފައިސާއަކާއި ފަހުން ދައްކާގޮތަށް ބޭންކުން ހޯދި "މައިކްރޯ ލޯނުތަކުގެ ފައިސާ" ގެއްލިގެންދިޔައީ ބަލަބަލާ ތިއްބައެވެ.
އުފެދޭ ސުވާލުތައް ވަރަށް ގިނައެވެ. ދިވެހިންނަށް "ސްކޭމް" ވަކިކުރަން ނޭނގެނީބާއެވެ? ނުވަތަ ސްކޭމްތަކަށް ފައިސާ އިންވެސްޓްކުރަނީ ސްކޭމެއްކަން އެނގިހުރެ ހެއްޔެވެ? އެއް ސްކޭމުން ފައިސާ ގެއްލުމުންވެސް ގަދަ ހިއްވަރާއެކު އެހެން ސްކޭމަކަށް ފައިސާ އިންވެސްޓްކުރަނީ ހަމަ ނުވިސްނޭތީ ހެއްޔެވެ?
ތަކުރާރުކޮށް ސްކޭމްތަކަށް އިންވެސްޓްކުރުމުގެ ސަޤާފަތު ދިވެހިންގެ ކިބައިގައި އަށަގެންފައިވާއިރު, އޭގެ ސަބަބުތަކަށް ބަލާލަމާ ހިނގާށެވެ.
"އަނެއްކާވެސް އެއް ފުރުސަތު"
ސްކޭމުން ފައިސާ ގެއްލުނު ނަމަވެސް، ގިނަ ބަޔަކު މިފަދަ ސްކީމްތަކަށް އަލުން އިންވެސްޓްކުރަނީ ފައިސާ ގެއްލުމުގެ ހިތާމަ ތަހައްމަލުކުރަމުން އެ ފައިސާ އަލުން ލިބޭނެކަމުގެ އުއްމީދުގެ އުފެދޭ މަޖުބޫރަކުން ކަމަށް ބެލެވެއެވެ. ކުރިން ގެއްލުނު ފައިސާ އަލުން އިންވެސްޓް ކޮށްގެން "ރިކަވާ" ކުރިވެދާނެކަމުގެ ވިސްނުމުގައެވެ.
ލިބިދާނެ ފައިދާއެއް ނުލިބި ބީވެދާނެ ކަމުގެ ބިރު
ރައްޓެހިން ނުވަތަ ޢާއިލާގެ މެންބަރުންނަށް ކްރިޕްޓޯ ޕްލެޓްފޯމްތަކުން ފައިދާ ލިބޭ ކަމަށް ސޯޝަލްމީޑިއާގައި ޕޯސްޓްކުރާތަން ފެނުމުން, އެއީ "ދޮގެއް" ނުވަތަ "ސްކޭމެއް" ހީވި ނަމަވެސް ގިނަ ބަޔަކަށް އެކަމާ ދިމާލަށް ދެވޭ ގޮތްވެއެވެ. އެހެންމީހުންނަށް ލިބޭ މުއްސަނދިކަން އަމިއްލައަށް ނުހޯދައިހުރުމަކީ ހިތަށް ކެތްވާކަމަކަށް ނުވެއެވެ. އެހެންކަމުން ރައްޓެހިންނާއި އެއްހަމައެއްގައި ދިރިއުޅުން ބެހެއްޓުމުގެ އުއްމީދުގައި ނަމަވެސް މިފަދަ ސްކީމުތަކަށް އިންވެސްޓް ކުރެއެވެ.
ފައިސާގެ ދަހިވެތިކަމާއި ލިބޭނެ ފައިދާގެ އުއްމީދު
ކޮންމެ ދުވަހަކު ލިބޭނެކަމަށް ޕްލެޓްފޯމުތަކުން ވަޢުދުވާ ފައިދާ (މިސާލަކަށް އިންވެސްޓްކުރާ ފައިސާގެ %7) އިން ސިކުނޑީގައި "ޑޮޕަމިން" އުފެދި، ރަނގަޅު ވިސްނުމާއި ދުރުވެ އިންސާނީ ދަހިވެތިކަން އުތުރި އަރައެވެ. މިގޮތުން އިންވެސްޓްކުރާ ފައިސާ 10 ވަރަކަށް ދުވަސް ތެރޭގައި އަނބުރާ ލިބޭނެކަމުގެ ޔަޤީންކަން ބޮޑުވެއެވެ.
ވިސްނުމުގެ ތަޢައްސުބުތަކާއި ޔަޤީންކަން
ނަފްސާނީ ތަޢައްސުބުތަކުގެ ސަބަބުން ފެންނާން ހުންނަ "ރެޑް ފްލެގް" ތަކަށް ނުބަލޭ ގޮތް ވެއެވެ. އަދި ބައެއް މީހުން "މިފަހަރު މިއީ އަސްލު އެއްޗެއް " ކަމަށްވެސް ޤަބޫލުކުރެއެވެ. މިއީ ޖުވާ ކުޅުމާއި ދާދި އެއްގޮތް އިހުސާސެކެވެ. އަދި މިގޮތަށް ވިސްނުން ބައްޓަން ވުމުގެ އެއް ސަބަބަކީ ކުރިން ޖުވާ ނުވަތަ އެއާއި އެއްގޮތް ކަންތައްތަކެއްގައި ޝާމިލުވެގެން އުޅެފައިހުރުން ކަމަށް ނަފްސާނީ މާހިރުން ފާހަގަކުރެއެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އޮނިގަނޑުގެ ޙާލަތު
ރާއްޖޭގެ ޖީޑީޕީގެ 60% ބަރޯސާވަނީ ފަތުރުވެރިކަމަށް، މަސްވެރިކަމުން ލިބެނީ 10% އަށްވާއިރު ޒުވާނުން ތިބީ "ދުވަހަކުވެސް ބޮޑުނުވާ" މުސާރައާއި، ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ދިރިއުޅުމުގެ ޚަރަދުތަކާއި، މަދު އާމްދަނީގެ ވަސީލަތްތަކުގެ މެދުގައި ތާށިވެފައެވެ. މި ޙާލަތުގައި، އަވަހަށް ގިނައިން ފައިދާ ލިބޭ ކްރިޕްޓޯ ޕްލެޓްފޯމްތަކަކީ "މޮޅު ހައްލެއް" ކަމަށް ސިފަ ކުރެވެއެވެ.
މާލީ ހޭލުންތެރިކަން ދަށްވުން
މާލީ އަދި ޓެކްނޮލޮޖީގެ ހޭލުންތެރިކަން ދަށްވުމަކީވެސް މީގެ އެއް ސަބަބެވެ. އެގޮތުން ގިނަ މީހުންނަށް "ބްލޮކްޗެއިން"، "ކްރިޕްޓޯ މެކޭނިކްސް"، ނުވަތަ "ޕޮންޒީ ޑައިނަމިކްސް" ތަކެއް ނޭނގެއެވެ. އަދި މާލީ ރެގިއުލޭޓަރީ އިދާރާތަކަށް އޮންނަ އިތުބާރު ކުޑަވެ, ޓެލެގްރާމް އަދި ސޯޝަލް މީޑިއާގެ ސިގްނަލްތަކަށް ކުރާ އިތުބާރު ބޮޑުވެފައި ވުމަކީވެސް މީގެ އެއް ސަބަބެވެ.
ގާނޫނީ އޮނިގަނޑުގެ ބަލިކަށިކަން
އަދި މީގެ އިތުރުން ރާއްޖޭގެ ޤާނޫނީ އޮނިގަނޑުވެސް މީގައި މުހިއްމު ރޯލެއް އަދާކުރެއެވެ. އެގޮތުން ޕިރަމިޑް ސްކީމްތައް ހިންގުމަކީ ޕީނަލް ކޯޑުގެ ދަށުން ކުށެއް ކަމުގައިވިޔަސް، ޑިޖިޓަލް ފައިނޭންސް ޤާނޫނެއް ނެތުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކްރިޕްޓޯ ސްކޭމްތައް ބެލުމަކީ ރެގިއުލޭޓަރި އިދާރާތަކާއި ތަހުޤީޤީ އިދާރާތަކަށް ކުރެވޭ ވަރަށްވުރެ އުނދަގޫ ކަމެކެވެ.
އެޅިދާނެ ފިޔަވަޅުތައް
- ސްކޭމްތަކުގެ ވަބާއިން ސްކޫލްތަކުގެ މުޤައްރަރުގައި ޑިޖިޓަލް ފައިނޭންސް ލިޓަރަސީ ހިމެނުމާއި ސޯޝަލްމީޑިއާގައި ޤައުމީ ފެންވަރުގައި މަޢުލޫމާތު ދިނުމުގެ ކެމްޕޭންތައް ހިންގުން.
- ވަރުގަދަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި ކްރިޕްޓޯއާ ގުޅޭ ވަކި ޤާނޫނުތައް ތަންފީޒުކޮށް، އިސްވެ ޢަމަލުކުރުމަށް އިދާރާތަކަށް ބާރު ދިނުން.
ދިވެހިރާއްޖޭގައި ކްރިޕްޓޯއާއި ފައިސާގެ އެކި ސްކީމްތައް ވައިގައި ހިފަނީ ހަމައެކަނި މީހުން ވިސްނުން ކޮށިވެގެން ނޫންކަން އެބަ އެނގެއެވެ. ގިނަފަހަރަށް އެއީ އަމިއްލަ މާލީ ދަތިކަމަށާއި ހާލަތާއި އިގްތިސާދުގެ ބަލިކަށިކަމަށް ދެވޭ ޖަވާބެކެވެ. ނުވަތަ މުޖުތަމަޢުގައި ހިފާފައިވާ "ޖުވާގެ" ނުބައި އާދަތަކުގެ ނަތީޖާއެވެ.
ރިއެކްޓް



