އިންވެސްޓްމަންޓް މެދުވެރިކޮށް ރެސިޑެންސީ ދޫކުރުމުގެ ޕްރޮގްރާމެއް ތަޢާރަފުކުރުމުގެ އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކޮށްފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންވެސްޓްމަންޓް މެދުވެރިކޮށް ރެސިޑެންސް ދޫކުރުމުގެ ޕްރޮގްރާމެއް ތަޢާރަފުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ސަރުކާރުން މިއަދު ވަނީ އިންވެސްޓްމަންޓް މައިގްރޭޝަން އެޑްވައިޒަރީ ފަރމް ކަމުގައިވާ ހެންލީ އެންޑް ޕާޓްނާރސްއާއެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންވެސްޓްމަންޓް މެދުވެރިކޮށް ރެސިޑެންސް ދޫކުރުމުގެ ޕްރޮގްރާމެއް ތަޢާރަފުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ސިންގަޕޫރުގެ ސެންޓޯސާ އައިލެންޑްގައި ބޭއްވުނު މޯލްޑިވްސް-ސިންގަޕޫރ ބިޒްނަސް ފޯރަމް 2025 ގައި ބޭއްވުނު ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު އެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހެންލީ އެންޑް ޕާޓްނާރސްގެ މެނޭޖިންގ ޕާޓްނަރ އަދި ހެޑް އޮފް ގަވަރމަންޓް އެޑްވައިޒަރީ އީ.އެމް.އީ.އޭ، ފިލިޕް އަމަރާންޓް ވިދާޅުވީ އައު އިންވެސްޓްމަންޓް މައިގްރޭޝަން ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ ދުނިޔޭގެ ފެންވަރުގެ ރިއަލް އެސްޓޭޓް ވިޔަފާރިއަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
"ރެސިޑެންސް ބައި އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެންމެ މަތީ ފެންވަރުގެ ޕްރައިވެސީއާއި އެކްސްކްލޫސިވިޓީ ލިބޭނެ ޕްރޮޕަޓީތައް ފޯރުކޮށްދެވޭނެ. އަމާން، ސްޓޭބަލް އަދި ސުލްޙަވެރި ޖަޒީރާ ޤައުމެއްގެ ގޮތުގައި، ދިވެހިރާއްޖެއަކީ ޖިއޯޕޮލިޓިކަލް ކޮންފްލިކްޓްތަކާއި ދުނިޔޭގެ ބަލިމަޑުކަމުން ސަލާމަތްވުމަށް އެންމެ އެކަށީގެންވާ ތަން. މީގެ އިތުރުން މަތީ ފެންވަރުގެ އިންވެސްޓަރުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެއްވެސް ތަނަކާ އަޅާނުކިޔޭވަރުގެ ދިރިއުޅުމެއް އަދި ރައްކާތެރިކަމެއް ފޯރުކޮށްދެވޭނެ." ފިލިޕް ވިދާޅުވިއެވެ.
މިއީ މިފަދަ އެއްބަސްވުމެއްގައި ރާއްޖޭއިން ސޮއިކުރި ފުރަތަމަ ފަހަރު ނަމަވެސް، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުަވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހި އިޤްތިސާދު އަލުން އިއާދަކުރުމަށް "އިންވެސްޓަރ ރެސިޑެންސީ" ޕްރޮގްރާމެއް ފެށުމަށް ނިންމަވާފައި ވާކަން ހާމަކުރައްވާފައެވެ.
ރިއެކްޓް



